Roadha Mihaaru
އޮބާމާގެ މައްޗަށް ޓްރަމްޕް ބޮޑު ތުހުމަތެއް ކުރައްވައިފި

އޮބާމާގެ މައްޗަށް ޓްރަމްޕް ބޮޑު ތުހުމަތެއް ކުރައްވައިފި

05 މާޗް 2017

ވޮޝިންޓަން (މާޗް 5) - ރިޔާސީ ކެމްޕޭނުގެ ތެރޭގައި ފޯނު ކޯލުތައް އަޑު އަހާފައިވާ ކަމަށް ވިދާޅުވެ ރައީސް ބަރަކް އޮބާމާގެ މައްޗަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 5) - ރިޔާސީ ކެމްޕޭނުގެ ތެރޭގައި ފޯނު ކޯލުތައް އަޑު އަހާފައިވާ ކަމަށް ވިދާޅުވެ ރައީސް ބަރަކް އޮބާމާގެ މައްޗަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

އެއްވެސް ހެއްކެއް ދެއްކުމެއް ނެތި ޓްރަމްޕް ވަނީ އޮބާމާ އަށް ތުހުމަތު ކުރައްވާ ސިލްސިލާ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. ޓްރަމްޕް ވަނީ ސިއްރުން ފޯނު އަޑު އެހުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެއީ އެމެރިކާގެ ތާރީޚުގައި ހިނގި ސިޔާސީ އެންމެ ބޮޑު ކަންތައްގަނޑުގެ ތެރޭގައި ހިމެނޭ ވޯޓާގޭޓް މައްސަލައާ އެއްވަރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ވޯޓާގޭޓް މައްސަލައިގައި ސިޔާސީ ގޮތުން ކުރި ޖާސޫސްކުރުންތަކަށް ފަހު ރިޝްވަތުގެ މައްސަލަ މީޑިއާ އަށް ތިލަވުމުން އެންމެ ފަހުން ރައީސް ރިޗަޑް ނިކްސަން ވަނީ އިސްތިއުފާ ދެއްވަން ޖެހިފަ އެވެ.

ޓްރަމްޕުގެ ފޯނު އަޑު އަހަން އޮބާމާ އަމުރު ކުރެއްވި ކަމަށް ވިދާޅުވެ ޓްރަމްޕް ކުރެއްވި ތުހުމަތު އޮބާމާގެ ތަރުޖަމާން ކެވިން ލުއިސް ވަނީ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އޮބާމާ ނުވަތަ ވައިޓްހައުސްގެ އެއްވެސް ސްޓާފަކު ވެސް، އެމެރިކާގެ އެއްވެސް ރައްޔިތަކަށް ފާރަލުމަށް އަންގަވާފައި ނުވާ ކަމަށެވެ. އަދި މިނިވަން އެއްވެސް މުއައްސަސާއަކަށް އޮބާމާގެ ސަރުކާރުން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮބާމާގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ބެން ރޯޑްސް ވެސް ކުރިން ވަނީ ފޯނު އަޑު އެހުމަށް އެންގުމަކީ އެއްވެސް ރައީސަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އެމެރިކާގެ ރައްޔިތުން ހިމާޔަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ އެމެރިކާ ސަރުކާރުގެ ތެރޭން ބައެއް މައުލޫމާތު ލީކު ކުރުމާއި ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރުމުގެ ފަހަތުގައި ހުންނެވީ ވެސް އޮބާމާ ކަމަށް ވިދާޅުވެފަ އެވެ.

ޑިމޮކްރެޓިކް ބައެއް މެންބަރުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް މި ބާވަތުގެ ތުހުމަތުތައް ކުރައްވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލައިގެ ސަމާލުކަން އަނބުރާލުމަށް ކަމަށެވެ.