Roadha Mihaaru
އެމްބަސީ ގުދުސަށް ބަދަލު ކޮށްފިއްޔާ މުޅި ތަން ގޮވާނެ

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރުމަކީ އެ ސަރަހައްދު ގޮއްވައިލުން: އޮބާމާ

19 ޖެނުއަރީ 2017

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރުން ވެގެންދާނީ ބިޔަ ގޮވުމަކަށް ކަމުގައި، އެމެރިކާގެ ވެރިކަމުން މާދަމާ ވަކިވެވަޑައިގަންނަވާ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރުން ވެގެންދާނީ ބިޔަ ގޮވުމަކަށް ކަމުގައި، އެމެރިކާގެ ވެރިކަމުން މާދަމާ ވަކިވެވަޑައިގަންނަވާ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި ދެއްވާ އެންމެ ފަހުގެ ނިއުސް ކޮންފަރެންސްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރުމުގެ އުންމީދު މިހާރު ފަނޑުވަމުންދާ ކަމަށެވެ.

މާދަމާ އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު ވަނީ، ކުރިއްސުރެ އެމެރިކާ ދަމަހައްޓަމުން އައި ސިޔާސަތު ބަދަލު ކުރައްވައި، އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ. ގުދުސަކީ އެ ބައެއްގެ ވެރިރަށް ކަމުގައި ފަލަސްތީނާއި އިޒްރޭލު ވެސް ދައުވާ ކުރާ ބިމެކެވެ.

އޮބާމާ ވިދާޅުވީ މެދުއިރުމަތީގެ ހުރިހާ މައްސަލަތަކާ ގުޅިފައިވާ މިފަދަ ކަމެއް، އެމެރިކާ އެކަނި ނިންމާ ނިންމުމަކުން ބަދަލުކޮށްލުމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާގެ ސިޔާސަތަށް އެފަދަ ބޮޑު ބަދަލެއް ގެނެސްފި ނަމަ އެކަމުގެ ނުރަނގަޅު ނަތީޖާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް، ޓްރަޕްމްގެ ޓީމަށް އިންޒާރު ކޮށްފައިވާނެ ކަމަށެވެ.

އިއްޔެގެ ނިއުސް ކޮންފަރެންސްގައި ވެސް އޮބާމާ ތަކުރާރުކޮށް ވިދާޅުވީ، ހިފާފައިވާ އަރަބީންގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމަކީ މެދުއިރުމަތީގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އަދި ޚާއްސަކޮށް ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް އޮތް ދާއިމީ ހައްލަކީ އެ ދެ ގައުމުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުން ކަމަށް އެމެރިކާ ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށެވެ.

އިޒްރޭލުން ހަދާ ޔަހޫދީ އާބާދީތަކާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ދާދި ފަހުން ފާސްކުރި ގަރާރު އެމެރިކާ އިން ވީޓޯ ނުކުރީ ވެސް، އޮބާމާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ސުލްހަ އަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރުން ކަމަށް އެމެރިކާ ގަބޫލު ކުރާތީ އެވެ. އަދި ހިފާފައިވާ އަރަބިންގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމުން، މިނިވަން ދެ ދައުލަތް ގާއިމު ކުރުން މުސްތަހީލު ކަމަކަށް ވާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.