Roadha Mihaaru
އެޗްޑީސީން ބޮޑު ފީއެއް ނަގާތީ ލިވްއަބޯޑުން ޝަކުވާކޮށްފި

ހުޅުމާލޭ ފަޅު ބޭނުންކުރާ އުޅަނދުތަކުން ބޮޑު ފީއެއް ނަގާތީ ލިވްއަބޯޑުން ޓްރާންސްޕޯޓަށް

04 މާޗް 2017

ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ބޮޑު ފީއެއް ނަގާތީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އެކަމުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާ ހިއްސާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ބޮޑު ފީއެއް ނަގާތީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އެކަމުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާ ހިއްސާކޮށްފި އެވެ.

ލޭމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފީ ނަގަން ފެށުމުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި 40 އުޅަނދެއްގެ އިސް ވެރިން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދުއާ ބައްދަލުކުރި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް އުޅަނދެއްގެ ވެރިޔަކު ފީ ނެގުމާ ދެކޮޅެއް ނޫނެވެ. ނަމަވެސް އުޅަނދުތަކުން ނަގަން ވާނީ އެކަށީގެންވާ އަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް އެވްރެޖް ސަފާރީތަކުގައި 20 މީޓަރު ހުންނާނެ، އެހެންވީމަ ކޮންމެ ސަފާރީއަކުން މަހެއްގެ މައްޗަށް 25،000ރ. ދައްކަން ޖެހޭތީ ކަންބޮޑުވުން ހުރީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ފީއެއް ނަގަން އެޗްޑީސީން ނިންމީ ލޭމްއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ނަމަވެސް ލޭމްގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް އޮތޯރިޓީން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން އާންމުކުރި "ހުޅުމާލެ ފަރާއި ފަޅު ހިމެނޭ ސަރަހައްދު ބޭނުން ކުރުމުގެ އުސޫލު" ގެ ސަބަބުން ސަފާރީ އިންޑަސްޓްރީއަށާއި އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ލޭމް އިން ކުރިން ވަނީ ބުނެފަ އެވެ.

ލޭމް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އުޅަނދުތަކުން އަހަރީ ފީގެ ގޮތުގައި ވަރަށް ބޮޑު އަދަދަކާއި ތަފާތު އެތައް ޓެކްސް އެއް ދައުލަތަށް ދައްކާއިރު، ޒަރޫޒީ ބޭނުމަކަށް ހުޅުމާލެ ފަޅުގެ ބޭނުންކުރުމަށް ހޭދަކޮށްލާ މަދު ދުވަސްކޮޅަށް ބޮޑު އަދަދެއްގެ ފީއެއް ނެގުމަކީ ސަފާރީ އިންޑަސްޓްރީގެ ކުރިއެރުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ. އެ ކަމުގެ ސަބަބުން ސަފާރީތައް ފަތުރުވެރިންނަށް ވިއްކާ އަގުތައް ބޮޑުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ވެސް ލޭމް އިން ބުނެފައިވެ އެވެ.

އެޗްޑީސީން ކަނޑައަޅާފައި ވަނީ ރާއްޖެއިން ބޭރުން އަންނަ ޔޮޓްފަހަރާއި ޓޫރިޒަމްގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ސަފާރީ، ޑައިވިން ދޯނި، އެކްސްކާޝަން ފަދަ ހިދުމަތް ދޭ އުޅަނދުތައް ހުޅުމާލޭގެ ބަނދަރުގައި އަޅާފައި އޮންނަ ނަމަ އެ އުޅަނދުގެ މީޓަރަކަށް މަހަކު 50 ޑޮލަރު (771ރ.) އެޗްޑީސީ އަށް ދެއްކުމަށެވެ. އަދި ލޯންޗާއި މުދާ އުފުލާ އުޅަނދާއި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުތައް އަޅާފައި އޮންނަ ނަމަ، މީޓަރަކަށް މަހަކު 100 ރުފިޔާ ދޭން ޖެހޭނެ އެވެ.