Roadha Mihaaru
ވެހިކަލްތަކުގެ ސްޓިކާއަށް ފީ ނުނަގާ ގޮތަށް ނިންމައިފި

ހުޅުމާލޭގައި ދުއްވާ ވެހިކަލްތަކުގެ ސްޓިކާ އަށް ފީ ނުނަގާ ގޮތަށް ނިންމައިފި

16 ފެބުރުއަރީ 2017

ހުޅުމާލޭގައި ދުއްވާ ހަތަރު ފުރޮޅު ލީ އުޅަނދުތަކުގައި ޚާއްސަ ސްޓިކާއެއް ޖަހަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގިތާ އެއް ދުވަސް ފަހުން، އެ ސްޓިކާ އަށް ފީ ނުނަގާ ގޮތަށް އެ ކުންފުނިން އިއްޔެ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ދުއްވާ ހަތަރު ފުރޮޅު ލީ އުޅަނދުތަކުގައި ޚާއްސަ ސްޓިކާއެއް ޖަހަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގިތާ އެއް ދުވަސް ފަހުން، އެ ސްޓިކާ އަށް ފީ ނުނަގާ ގޮތަށް އެ ކުންފުނިން އިއްޔެ ނިންމައިފި އެވެ.

ހުޅުމާލޭގައި ހަތަރު ފުރޮޅު ލީ އުޅަނދު ދުއްވާއިރު، އިއްޔެ އިން ފެށިގެން ޚާއްސަ ސްޓިކާއެއް ޖަހަން ޖެހޭ ގޮތަށް އެޗްޑީސީން ހަމަޖެއްސީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. އެއް އަހަރުގެ މުއްދަތަށް އެޗްޑީސީން ވިއްކާ އެ ސްޓިކާގެ އަގަކީ ކުރިން ހަމަޖެއްސި ގޮތުން 50ރ. އެވެ.

ނަމަވެސް އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސްޓިކާތަކަށް އިދާރީ ފީ ގެ ގޮތުގައި ނަގަން ކަނޑައެޅި 50ރ. ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބެއް އިއުލާނުގައި ބުނެފައެއް ނެތެވެ.

އެ ސްޓިކާ އަށް ފީ ނުނަގާ ގޮތަށް އެޗްޑީސީން ނިންމީ، އެއީ ކޮން އުސޫލަކުން ކުރި ކަމެއް ކަން ސާފުކޮށްދޭން ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ އަންގާފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ އެ ސްޓިކާ ޖަހަން އެންގީ ކޮން އުސޫލަކުން ކަން އެ އޮތޯރިޓީ އަށް ސާފުނުވާ ކަމަށާއި އެކަމަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކުރި ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އެޗްޑީސީން މިއަދު ބުނީ ސްޓިކާ ޖަހަން ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހުއްދައާ އެކު ކަމަށެވެ.

ސްޓިކާ ޖަހަން ޖެހެނީ މިދިޔަ ޑިސެމްބަރު މަހު އެޗްޑީސީން ހެދި ގަވާއިދެއްގެ ދަށުންނެވެ. އެކަމަކު އެ ގަވާއިދުގައި، އެއީ ކޮން ބޭނުމަކު ޖަހަންޖެހޭ ސްޓިކާއެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.

އެކަމުގައި އެޗްޑީސީގެ ބައެއް އަދި ނުލިބެ އެވެ.