Roadha Mihaaru
ޓެކްސީތަކަށް ރަން ޒަމާން: ދަތުރެއް 150-200ރ

މާލޭގެ ޓެކްސީތަކަށް ރަން ޒަމާން: ބުރިޖު ދަތުރެއް 150ރ. އާއި 200ރ. އަށް!

08 ސެޕްޓެމްބަރ 2018

ސިނަމާލެ ބްރިޖު، އާންމު ދަތުރުފަތުރަށް އިއްޔެ ހުޅުވައިލުމާ އެކު، މާލޭގެ ބައެއް ޓެކްސީ ޑްރައިވަރުންނަށް ބޮޑު ހިނިތުންވުމެއް ގެނެސްދީފި އެވެ: ބުރިޖް ހުރަސްކޮށް މާލެ އިން ހުޅުމާލެ އަށް ކުރާ "މަންޒަރު ބަލައިލުމު"ގެ ދަތުރެއްގެ އަގު މިހާރު ވަނީ، ކޮޅަކަށް، 150ރ. އާއި 200ރ. އަށް ޖައްސާލައިފަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިނަމާލެ ބްރިޖު އާންމުކޮށް ހުޅުވައިލިތާ 24 ގަޑިއިރު ވީއިރު، ގިނަ އަދަދެއްގެ ޓެކްސީތައް މާލެ އިން ހުޅުމާލެ އަށް ދަނީ ދަތުރުކުރަމުންނެވެ. ބްރިޖު މަތިން ދަތުރުކުރުމުގެ ފީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަދި ހާމަނުކުރާތީ، މާލެ/ހުޅުމާލެ ދެމެދު ބޭނުން އަގެއްގައި ޓެކްސީ ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ދޭ ރަސަލް ޓެކްސީން ވާހަކަ ދެއްކި މީހަކު ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް އަގު ކަނޑައަޅާފައި ނުވާތީ، ޑްރައިވަރުން އަމިއްލައަށް 200ރ. ނަގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ޓެކްސީ ސެންޓަރަކުން ނާންގަން ވަކި އަގެއް ނަގަކަށް. ބައެއް ޑްރައިވަރުން އަމިއްލަ އަށް އަގެއް ހަދައިގެން އުޅެނީ،" އެ ސެންޓަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މާލޭގައި ޓެކްސީކުރާ މީހަކު ބުނިގޮތުގައި މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ އަގެއް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅަންދެން ދަތުރެއް ކުރަން ނިންމާފައި ވަނީ ކޮޅަކަށް 200ރ. އަށެވެ.

"ހުޅުމާލެ އަށް ގޮސްފައި އެނބުރި ހުސްކޮށް އަންނަން ޖެހެނީ. އެހެންވެ، އަޅުގަނޑުމެން އަމިއްލަ އަށް އަގެއް ކަނޑައެޅީ، މީހުން ޓެކްސީގައި ވެސް ދަތުރުކުރަން ބޭނުންވާތީ،" އެ ޑްރައިވަރު ބުންޏެވެ.

މާލޭގައި ޓެކްސީގެ ހިދުމަތް ދޭ ކާރެއް ހުޅުމާލޭގައި ދުއްވާފައި ދަނީ: މާލެއިން ހުޅުމާލެ އަށް ކުރާ ދަތުރުތަކަށް ނަގާނެ އަގެއް ޓްރާންސްޕޯޓު އޮތޯރިޓީން އަދި ކަނޑައެއް ނާޅާ.

މާލޭގައި ޓެކްސީގެ ހިދުމަތް ދޭ ކާރެއް ހުޅުމާލޭގައި ދުއްވާފައި ދަނީ: މާލެއިން ހުޅުމާލެ އަށް ކުރާ ދަތުރުތަކަށް ނަގާނެ އަގެއް ޓްރާންސްޕޯޓު އޮތޯރިޓީން އަދި ކަނޑައެއް ނާޅާ.

ޑައިލް ކެބް ސެންޓަރުން ވާހަކަ ދެއްކި މީހަކު ބުނީ އެ ސެންޓަރުގެ ބައެއް ކާރުތައް ހުޅުމާލެ އަށް 150ރ. އަށް ދަތުރެއް ކުރާ ކަމަށެވެ.

"މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ސެންޓަރުން ކަނޑައެޅި އަގެއް ނޫން. ޓްރާންސްޕޯޓުން އަގެއް ކަނޑަނާޅާތީ ބައެއް ޑްރައިވަރުން 150ރ. އަށް ދަތުރުކުރޭ،" އޭނާ ބުންޏެވެ.

ހުޅުމާލެ އަށް އިއްޔެ ކުޑަ ޕިކަޕެއްގައި މުދާ ހިފައިގެން އައި މީހަކު ބުނި ގޮތުގައި އެ ދަތުރަށް 300ރ. ނެގި އެވެ. އަދި ބޮޑެތި ޕިކަޕްތަކުން ދަތުރަކަށް 500ރ. ނަގާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މީހުންނަށް ތަކުލީފަކަށް ނުވާ ވަރަށް ޓެކްސީކުރާ ކާރުތަކާއި ޕިކަޕްތަކުން އެބަ ޖެހޭ އަގު ކަނޑައަޅަން. ނުވަތަ މީޓަރަށް ދަތުރުކުރާނެ އަގުތަކެއް ސަރުކާރުން ކަނޑައަޅަން އެބަ ޖެހޭ،" އެ މީހާ ބުންޏެވެ.

ސިނަމާލެ ބްރިޖާ އެކު، ހުޅުމާލެ އަށް ދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.