Roadha Mihaaru
ބްރިޖުން ވެހިކަލްގައި އެއާޕޯޓަށް ވަދެވޭ ގޮތް ހަދައިފި

ބްރިޖުން ވެހިކަލްގައި އެއާޕޯޓަށް ވަދެވޭ ގޮތް ހަދައިފި

09 ސެޕްޓެމްބަރ 2018

ސިނަމާލެ ބްރިޖުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާއްމު ވެހިކަލްތަކަށް ވަދެވޭ ގޮތަށް މިރޭ ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިނަމާލެ ބްރިޖުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާއްމު ވެހިކަލްތަކަށް ވަދެވޭ ގޮތަށް މިރޭ ހަމަޖައްސައިފި އެވެ.

މީގެ ކުރިން އެ އެއާޕޯޓަށް ވަދެވެނީ ހަމައެކަނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާއްސަ ހުއްދައެއް ދީފައިވާ ވެހިކަލްތަކަށެވެ.

އެމްއޭސީއެލްގެ ޓުވީޓް

އެމްއޭސީއެލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި އުސޫލުގައިވާ ގޮތުން އެއާޕޯޓަށް ވަންނަ ވެހިކަލްތަކަށް އޮންނާނީ މައިގަނޑު ހަތަރު ސަރަހައްދެކެވެ. އެއީ އަމިއްލަ ވެހިކަލްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފުރުމަށް ދާ މީހުން ދަތުރުކުރާ ބަސްތަކާއި އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލާ ދިއުމަށް ދާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލައި ދާ ބަސްތަކަށް ޚާއްސަ ސަރަހައްދެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާއްމު ވެހިކަލްތައް ޕާކުކުރަން ހަމަޖައްސާފައިވާ ސަރަހައްދު އަންގައިދޭ ކުރެހުމެއް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާއްމު ވެހިކަލްތައް ޕާކުކުރަން ހަމަޖައްސާފައިވާ ސަރަހައްދު އަންގައިދޭ ކުރެހުމެއް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ދާ ފަސިންޖަރުން ދަތުރުކުރާ ވެހިކަލްތައް މަޑުކުރަން ޑިޕާޗާ ޓާމިނަލްގެ ކުރިމަތީގައި ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ. ފުރަން ދާ މީހުން ދަތުރުކުރާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކާއި ބަސްތަކަށް ޚާއްސަ ސަރަހައްދުގައި ހަމައެކަނި މަޑު ކުރެވޭނީ ލަގެޖް ބޭލުމަށެވެ. އިތުރު އެއްވެސް ބޭނުމެއްގައި އެ ސަރަހައްދުގައި މަޑު ނުކުރެވޭނެ އެވެ. އަދި މީހުން ބަލާ އެއާޕޯޓަށް ދާ އަމިއްލަ އުޅަނދުތައް ވެސް އެހެން ބޭނުމެއްގައި މަޑު ކޮށްގެން ތިބުމަކީ މަނާ ކަމެކެވެ.

ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ޓާމިނަލްގެ ކުރިމަތީގައި އޮތް ފަޅު ހިއްކައިގެން ވަނީ ވެހިކަލްތައް ޕާކުކުރަން ހާއްސަ ސަރަހައްދެއް ހަދައިފަ އެވެ. އަދި އެތަނުގައި ޕާކުކުރާ އުޅަނދުތަކުން ފީ ނެގުމަށް ޗެކް ޕޯސްޓެއް ވެސް ހަދާފައިވެ އެވެ.

އެއާޕޯޓަށް ވަންނަ ވެހިކަލްތަކުން ފީ ނެގުމަށް ހަމަޖައްސާފައިވަނީ ހަތަރު ފުރޮޅީ އުޅަނދަކުން ނަމަ އެއް ގަޑިއިރަށް 20ރ. އެވެ. އަދި ދެ ގަޑިއިރަށް ނަމަ 30ރ. ނަގާއިރު، ތިން ގަޑިއިރަށް 40ރ. އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30ރ. ނަގާނެ އެވެ.

ސައިކަލްތަކަށް އެއް ގަޑި އިރަށް ނަގާނީ 10ރ. އެވެ. ދެ ގަޑި އިރަށް 15ރ. އަދި ތިން ގަޑި އިރަށް 20ރ. ސައިކަލް ޕާކިން އަށް ނަގާނެ އެވެ. އަދި ތިން ގަޑި އިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10ރ. ނަގާނެ އެވެ.