Roadha Mihaaru
ހުޅުމާލެ 2 އިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

ހުޅުމާލެ 2 އިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

12 ސެޕްޓެމްބަރ 2024

ހުޅުމާލެ 2 ގެ ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަން އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލެ 2 ގެ ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަން އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައިވާ ގޮތުން ބީޗް ފްރޮންޓުން ވިއްކަނީ 1،096 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިމެވެ. އެ ތަންތަން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށެވެ. އެހެންވެ، ބީޗް ފްރޮންޓުން ވިއްކާ ގޯތީގެ އަގު އުޅޭނީ 4.9 މިލިއަން ރުފިޔާ އާއި 14.6 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ބީޗް ސައިޑުން ވިއްކަނީ 1،441 އަކަފޫޓާއި 3،380 އަކަފޫޓާ ދެމެދުގެ އަގެއްގަ އެވެ. ބީޗް ސައިޑުން ބިން ވިއްކަނީ އަކަފޫޓެއް 4،000ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެ ތަންތަނުގެ އަގު އުޅެނީ 5.8 މިލިއަން ރުފިޔާ އާއި 13.5 މިލިއަން ރުފިޔާ އާ ދެމެދުގަ އެވެ.

މި ބިންތައް ވިއްކަން އެޗްޑީސީން ހުޅުވާލީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ އެވެ. ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.

ބިން ވިއްކަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ އޮންނާނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ގަންނަން ހުށަހަޅާފައިވާ ބިމެއް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ ދެން ޖެހޭނީ ބީލަން ހުށަހަޅާށެވެ.

ވިއްކަން ހުށަހަޅާފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީ އަށް ގުޅައިގެން ހޯދޭނެ އެވެ.

މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ހުޅުމާލެ އިން ބިން ވިއްކަން ހުޅުވާލި އެވެ. އޭރު އެއް ބުރުގައި ވަނީ 17 ބިމެއް އަދި އަނެއް ފަހަރު 13 ބިމެއް ވިއްކަން ހުޅުވާލައިފަ އެވެ.