Roadha Mihaaru
ބީޗް ސައިޑްގެ 34 ބިމަށް ބީލަން ހުށަހެޅުން މާދަމާ

ހުޅުމާލޭގެ ބީޗް ސައިޑުން ވިއްކާ 34 ބިމަށް ބީލަން ހުށަހެޅުން މާދަމާ

15 ފެބުރުއަރީ 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ސައިޑްގެ 34 ބިމަށް ބީލަން ހުށަހެޅުން މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ސައިޑްގެ 34 ބިމަށް ބީލަން ހުށަހެޅުން މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމަށް ހުޅުވާލިއިރު އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރޮންޓުން ވިއްކާ 26 ބިމާއި ބީޗް ސައިޑްގެ 34 ބިމެވެ.

އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ އަތިރިމައްޗާ ކައިރި ނުވަތަ ބީޗް ސައިޑުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ބަލައިގަންނާނީ މާދަމާ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ. މި ބީލަންތައް ހުޅުވުން އޮންނަނީ މާދަން މެންދުރު 1:00 ގަ އެވެ. ބީލަން ފޯމު ބަލައިގަތުމާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ކޮންމެ ބީލަން ފޯމަކާއެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެންމެ މީހަކަށް ކަމަށާއި އެންމެން ވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވާން ޖެހޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައިވެ އެވެ.

ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ ބީޗް ފްރޮންޓުން ވިއްކާ 26 ބިމަށް 211 މީހަކު ބީލަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ އަގަކަށް އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ހުށަހަޅިޔަސް އެއީ އޮޅުމެއް ކަަމަށް އެ ބިން ގަންނަން ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ.

ކާމިޔާބުކުރި ބީލަންތައް އުޅެނީ އެވްރެޖްކޮށް އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ. ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ.