Roadha Mihaaru
އަކަފޫޓަކަށް 10 މިލިއަން ޖެހުނު ބިޑް ޑިސްކޮލިފައި

އަކަފޫޓަކަށް 10 މިލިއަން ޖެހުނީ އޮޅުމަކުން ކަމަށް ނިންމައި، ބީލަން ޑިސްކޮލިފައި ކޮށްފި

16 ފެބުރުއަރީ 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ނުވަތަ އަތިރިމަތި ކުރިމަތިން ވިއްކާ 26 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އޮޅިގެން އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ޖެހުނީ އޮޅުމަކުން ކަމަށް އެޗްޑީސީން ނިންމައި އެ ބީލަން ޑިސްކޮލިފައި ކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ނުވަތަ އަތިރިމަތި ކުރިމަތިން ވިއްކާ 26 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އޮޅިގެން އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ޖެހުނީ އޮޅުމަކުން ކަމަށް އެޗްޑީސީން ނިންމައި އެ ބީލަން ޑިސްކޮލިފައި ކޮށްފި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް "މިހާރު" އަށް ވިދާޅުވީ، "އެއީ ޖެނުއިން މިސްޓޭކެއް" ކަމަށް ނިންމައި އެ ބީލަށް ހުށަހެޅި އިބްރާހިމް މާޖިދު ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި 320،000ރ. ކްލެއިމް ނުކުރާތީ، ބީޗް ސައިޑްގެ ބީލަށް ކުރިމަތިލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

"އެއީ ނޯމަލް ކަމެއްގެ ގޮތަކު ނޫން އަޅުގަނޑުމެންނަށް ފެނުނީ،" އާތިފް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުން ބީލަން ހުށަހެޅުން މިއަދު ކުރިއަށް ގެންދާއިރު ބީލަން ކެނޑުން މެންދުރު އެކަކުން ފެށިގެން އޮންނާނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ވިއްކުމަށް އެޗްޑީސީން ނިންމާފައިވާއިރު، އޭގެ ތެރެއިން ބީޗް ފްރަންޓުން ބިން ގަންނަން ބޭނުންވި މީހުންނަށް ބީލަން ހުށަހަޅައި ބީލަން ކެނޑުން އޮތީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ. އެކަމަކު އޭގެ ތެރެއިން ވިޔަފާރިވެރިޔާ މާޖިދު، އަކަފޫޓަކަށް 10 މިލިއަން ބީލަން ފޯމުގައި ޖެހިފައި އޮތްއިރު އޭނާއަށް ވެސް އެ އަދަދު ޖަހާފައިވާކަން އެނގުނީ ބީލަން ކަނޑައި އެކަން އެޗްޑީސީގެ އޮފިޝަލުން އެތަނުގައި އިއުލާނު ކުރުމުންނެވެ. މާޖިދުގެ ބީލަން ކަނޑައި އިއުލާންކުރިއިރު، އެ ވަގުތު މާޖިދު އެ ތަނުގައި ނެތް ނަމަވެސް އެތައް ބައެއްގެ ފޯނުކޯލުުތަކާ އެކު، ބީލަން ކެނޑި މާލަމަށް ފަހުން ވަޑައިގެން ކަން ވީ ގޮތް މާޖިދު ވަނީ އެޗްޑީސީގެ އޮފިޝަލުންނަށް އޮޅުންފިލުވައި ދެއްވައިފަ އެވެ.

އުމުރުން 70 އަހަރުން މަތީގެ މާޖިދުގެ ބީލަން ޑިސްކޮލިފައި ކަމަށް އެޗްޑީސީން ނިންމީ އޭނާއާ ވެސް ބައްދަލުކޮށް، ކަން ވީ ގޮތް ސާފުކުރުމަށް ފަހު އެވެ.

އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ކަމަށް ބީލަން ފޯމުގައި މާޖިދަށް ޖެއްސެވުނީ މުޅި ބިމުގެ އަގެވެ. މި ރޭޓުން ބެލުމުން، އަކަފޫޓަކަށް ނުވަތަ 1 ފޫޓް 1 ފޫޓްގެ ބިންކޮޅަކަށް 10 މިލިއަން ކަމަށް ފޯމުގައި އޮތް އަގަކީ މުޅި ބިމުގެ އަގެވެ. އެއީ 2،000 އަކަފޫޓްގެ ބިމަކަށް 10 މިލިއަން ރުފިޔާ އެވެ.

"މާޖިދު ހިތުން ފޯމުގައި އޮންނާނީ އޭނާ ނިންމަވައިގެން ހުންނެވި ގޮތަށް އަކަފޫޓަކަށް 5،000ރ. ގެ ރޭޓުން އަގު ޖަހާފައި. މާޖިދު އެ ހިސާބު ހެއްދެވީ 2،000 އަކަފޫޓުގެ ބިމަކަށް ބައްލަވައިގެން،" މާޖިދުގެ ފަރާތުން "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވެ އެވެ.

އަތިރިމައްޗާ ކައިރި ނުވަތަ ބީޗް ސައިޑުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ބަލައިގަންނާނީ މިއަދުގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު އެވެ. މި ބީލަންތައް ހުޅުވުން އޮންނަނީ މެންދުރު 1:00 ގަ އެވެ.

ބީލަން ފޯމު ބަލައިގަތުމާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ.

ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.