Roadha Mihaaru
ހުޅުމާލެ އިން ވިއްކާ 26 ބިމެއްގެ ބީލަން މާދަމާ

ހުޅުމާލެ އިން ވިއްކާ 26 ބިމަކަށް ބިޑް ހުށަހެޅުން މާދަމާ

08 ފެބުރުއަރީ 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ފްރަންޓުގެ 26 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ފްރަންޓުގެ 26 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި މިދިޔަ މަހުގެ 31 ގެ ނިޔަލަށް ބީލަން ފޯމު ގަތް މީހުންނަށެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން ނުވަތަ ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ބަލައިގަންނާނީ މާދަމާގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ. ބީޗް ފްރަންޓުން ވިއްކާނީ 26 ގޯއްޗެވެ.

ބާކީ 34 ގޯތި ވިއްކާނީ ބީޗް ސައިޑުން ކަމަށް ވާއިރު، އެ ގޯތިތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 16 ގަ އެވެ. ނަމަވެސް އެ ބީލަން ހުޅުވުން ބާއްވާނެ ތަނެއް އަދި ނުނިންމަ އެވެ.

ބީޗް ފްރަންޓުން ވިއްކާ 26 ގޯތީގެ ބީލަން ހުޅުވުން އޮންނާނީ މާދަމާގެ މެންދުރު 1:00 ގަ އެވެ. ބީލަން ފޯމު ބަލައިގަތުމާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ.

އެޗްޑީސީން ބުނީ ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެންމެ މީހަކަށް ކަމަށެވެ. އަދި އެތަނަށް ހާޒިރުވާ މީހުން، އން ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ސަަމާލުވުމަށް އެދެ އެވެ.

ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާނުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ބިޑް ސެކިއުރިޓީއަކީ 320،000ރ. އެވެ.

ދެވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް އެޗްޑީސީން ފުރަތަމަ ހުޅުވައިލިއިރު، އޮތީ އެންމެންނަށް އެ ކަމަށް ފުރުސަތު ލިބޭ ގޮތަށް ކަމަށް ވިޔަސް ފަހުން ނިންމީ މާލޭގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް އެކަނި އެ ބިންތައް ހާއްސަ ކުރުމަށެވެ. އެހެންވެ، އެއީ ނަސްލީ ތަފާތުކުރުން ކަމަށް ބުނެ އެތައް ބައެއްގެ ނުރުހުން އެޗްޑީސީ އަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އެ ނިންމުން އެ ކުންފުނިން ބަދަލެއް ނުކުރެ އެވެ.

ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައި އެތަނުގައި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަދެ އެވެ. އެކަމަކު މާލޭގެ މީހުންނަށް ގޯތި ނުދީ، ހުޅުމާލެ އިން ބިން ވިއްކާތީ އެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލާއި އެމްޑީޕީގެ ބައެއް އިސްވެރިންގެ މެދުގައި ވެސް އެ ކަންބޮޑުވުން އެބައޮތެވެ.

އެކަމަކު ސަރުކާރުން ބުނެފައި ވަނީ މާލޭގެ މީހުންނަށް މި ސަރުކާރުން ގޯތި ދޫކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެތަނުން މަދުވެގެން 2،000 ގޯތި މާލޭގެ މީހުންނަށް ދޫކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މާލޭގެ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަމުން އަންނަ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށާއި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ފެށޭނެ ކަމަށެވެ.

"އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެ އިން މަދުވެެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް މި އަހަރުގެ ޖޫންގައި ފަށާނަން. އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.