Roadha Mihaaru
ބިމަށް ފައިސާ ދައްކަން މުއްދަތު ދިނީ ބޭންކުން އެދިގެން

ހުޅުމާލެއިން ވިއްކި ބިންތަކަށް ފައިސާ ދައްކަން މުއްދަތު އިތުރުކުރީ ބޭންކުތަކަށް ވަގުތު ބޭނުންވާތީ: އެޗްޑީސީ

29 މެއި 2022

ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ވިއްކި 60 ބިމަށް ފައިސާ ދެއްކުމަށް ކުރިން ކަނޑައަޅާފައި އޮތް މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރުކޮށްދިން ކަމަށާއި އެކަން އެގޮތަށް ކުރީ ބޭންކުތަކުން އެދިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ވިއްކި 60 ބިމަށް ފައިސާ ދެއްކުމަށް ކުރިން ކަނޑައަޅާފައި އޮތް މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރުކޮށްދިން ކަމަށާއި އެކަން އެގޮތަށް ކުރީ ބޭންކުތަކުން އެދިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ހުޅުވާލީ ބީޗް ފްރޮންޓުން 26 ބިމާއި ބީޗް ސައިޑުން 34 ބިން ވިއްކުމަށެވެ. އޭގެ ތެރެއިން ބީޗް ފްރަންޓުގެ ބިންތަކަށް ފެބްރުއަރީ 9 ގައި ބީލަން ހުށަހަޅަން ހުޅުވާލައި އެ ދުވަހު ވަނީ ބީލަން ކަނޑައިފަ އެވެ. ބީޗް ސައިޑުގެ ބިންތަކުގެ ބީލަން ކުރިއަށް ގެންދިޔައީ ފެބްރުއަރީ 16 ގަ އެވެ.

ބީލަމުގައި ވިއްކާލި 60 ގޯތި ލިބުނު މީހުން ފައިސާ ދައްކަން އޮންނަނީ އެ މީހުންނަށް ލިޔުން ލިބޭތާ 60 ދުވަސް ނަމަވެސް އެ މުއްދަތު ހަމަވުމާ އެކު އިތުރު ދެ ހަފްތާގެ މުއްދަތެއް އެޗްޑީސީން ވަނީ ބިންތައް ގަތް މީހުންނަށް ދީފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ ބިން ވިއްކުމުގެ މަރުހަލާ ނިމުނުތަނާހެން ރޯދަ މަސް އައުމާ ގުޅިގެން ދިމާވި ދަތިތަކާ އެކު ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދޭން ޖެހުނީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ވެސް އެ ކުންފުންޏަށް އަންގާފައި އޮތީ ރޯދަ މަހަށް ވެފައި މަސައްކަތްކުރާ ވަގުތުތައް އޮތް ގޮތުން އެކަމުގައި ދަތިތަކެއް އޮތް ކަމަށެވެ. އެހެންވެ ފައިސާ ދައްކަން އޮތް މުއްދަތު އިތުރުކޮށްދިނީ ލުޔެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ބޮޑެތި އަދަދުތަކެއް އެކައުންޓަށް ޖަމާވުމަށް ވެސް ވަގުތު ނަގަ އެވެ.

"ވަރަށް ބޮޑެތި އެމައުންޓްތަކެއް ހުރީމަ ބައެއް ޕޭމަންޓް ރިއަލައިޒް ވާން ވެސް ވަރަށް ވަގުތު ނަގާ. އެހެންވެ އަދި ފައިސާ ދެއްކި މީހުންގެ ސީދާ އަދަދެއް ވެސް ސާފެއް ނުވޭ،"

ދެވަނަ ފިޔަވަހިން ގޯތި ގަންނަން ހުށަހެޅި މީހުންގެ ބިޑް ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދެވަނަ ފިޔަވަހިން ގޯތި ގަންނަން ހުށަހެޅި މީހުންގެ ބިޑް ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޮފިޝަލް ވިދާޅުވި ގޮތުގައި އެޗްޑީސީން ދެން ކުރިއަށް ދާނީ ފައިސާ ނުދައްކާ މީހުން އުނިކޮށް ލިސްޓުގައި ދެން އެންމެ ބޮޑެތި އަދަދުތަކުން ބިޑް ހުށަހަޅާފައިވާ މީހުންނަށް ބިން ދޭ ގޮތަށެވެ.

ވިއްކި ބިންތަކަށް ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދިން ނަމަވެސް ބީލަން ކާމިޔާބު ކުރި ފަރާތްތަކާ އެކު އެެއްބަސްވަނީ ބީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ލިބޭތާ 60 ދުވަހުގެ ތެރޭގައި ބިމުގެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެ މުއްދަތު ގުނަނީ ބަންދު ދުވަސްތަކާ ވެސް އެކުގަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ 60 ބިމަކީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ބިން ވިއްކާފައި ވަނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހެޅުމުންނެވެ. އެކަމަކު ބިޑް ކާމިޔާބުކުރާ ފަރާތްތަކާ އެކު އެއްބަސްވާއިރު މުއްދަތަށް ފައިސާ ނުދައްކައިފި ނަމަ، ބީލަން ބާތިލުކޮށް ބިޑް ސެކިއުރިޓީ ވެސް އެޗްޑީސީއަށް ނެގެ އެވެ.

ބީލަމުގެ ތަފްސީލު

- ބީޗް ސައިޑްގެ 34 ބިމަށް 179 ބީލަން ހުށަހެޅި - އެންމެ ބޮޑު އަގަކަށް އޮތީ އަކަފޫޓަކަށް 9،001ރ.

- ބީޗް ފްރޮންޓުގެ 26 ބިމަށް 211 ބީލަން ހުށަހެޅި - އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 10،220ރ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ. މިއީ ދެވަނަ ފިޔަވަހިން ބިން ވިއްކާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ދެވަނަ ފިޔަވަހިން ބިން ވިއްކާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.