Roadha Mihaaru
އިތުރު ފީ ނެގޭނީ އެޕާޓްމަންޓް ވިއްކަން ހުއްދަ ދިނުމުން

އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިން ފީގެ އިތުރުން ފައިސާއެއް ނުނެގޭނެ: އެޗްޑީސީ

19 ސެޕްޓެމްބަރ 2024

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން ބުކިން ފީގެ ގޮތުގައި 50،000ރ. ގެ ކަސްޓަމަރުން އަތުން ނެގުމުގެ ހުއްދަ ޑިވެލޮޕަރުންނަށް ދީފައި ވިޔަސް އެ ފީގެ އިތުރުން ކަސްޓަމަރުން އަތުން ފައިސާ ނެގޭނީ އެތަން ވިއްކުމުގެ ހުއްދަ އެޗްޑީސީން ނެގުމަށް ފަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން ބުކިން ފީގެ ގޮތުގައި 50،000ރ. ގެ ކަސްޓަމަރުން އަތުން ނެގުމުގެ ހުއްދަ ޑިވެލޮޕަރުންނަށް ދީފައި ވިޔަސް އެ ފީގެ އިތުރުން ކަސްޓަމަރުން އަތުން ފައިސާ ނެގޭނީ އެތަން ވިއްކުމުގެ ހުއްދަ އެޗްޑީސީން ނެގުމަށް ފަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީން އެހެން ބުނިއިރު، މީގެ ކުރިން ހުޅުމާލޭގައި ހިންގި އެފަދަ މަޝްރޫއުތަކުގައި ބުކިން ފީއާ އެކު އެޕާޓްމަންޓް ގަތުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކައިގެން ވެސް އެއްބަސްވާ މުއްދަތަށް މަޝްރޫއު ނުނިމިގެން އެ ތަންތަން ގަތް މީހުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. މީގެ ހައެއްކަ އަހަރު ކުރިން ފެށި ބައެއް މަޝްރޫއުތައް އަދިވެސް ނުނިމި، އެ ތަންތަން ގަތް މީހުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

އެޗްޑީސީން އިއްޔެ ނެރުނު އިއުލާނުގައި ބުނީ، ދިރިއުޅުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ހަދަމުން އަންނަ މެދުފަންތި އަދި އެންމެ މަތީ ފެންވަރުގެ ގެދޮރުގެ މަޝްރޫއުތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދެވޭނީ އެ ޕްރޮޖެކްޓް ހިންގާ ފަރާތާއި އެޕާޓްމަންޓް ގަންނަ ފަރާތް އެއްބަސްވާ ގޮތުގެ މަތިން ކަމަށެވެ. އެކަމަކު، އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދެވޭނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނިގޮތުގައި އެޕާޓްމަންޓްތައް ވިއްކަން ފެށުމުގެ ކުރިން ބުކިން ފީގެ ގޮތުގައި ގިނަވެގެން 50،000ރ. ގެ ރިފަންޑަބަލް ފީއެއް ކަސްޓަމަރުން އަތުން ނެގޭނެ އެވެ. އެއީ އެޕާޓްމަންޓްގެ ޖުމްލަ އަގުން އުނިކުރެވޭނެ ފީ އެކެވެ.

"އަދި އެޕާޓްމަންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިން ސައްތަ ނިންމައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކަމުގެ ހުއްދަ ހޯދުމަށް ފަހު އެވެ. އެހެންކަމުން އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުން އަތުން ނުނެގޭނެ އެވެ،" އެޗްޑީސީގެ އިއުލާނުގައި ވެ އެވެ.

އެ ކުންފުނިން ބުނީ، އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ހުރިހާ ރެޒިޑެންޝަލް އިމާރާތެއް ވިއްކުމުގައި އަމަލުކުރަން ޖެހެނީ އެ އުސޫލުން ކަމަށެވެ. އަސޭރިއާ ޕްރޮޖެކްޓްގެ ދަށުން ކަސްޓަމަރުން އަތުން 950،000ރ. ގެ ބުކިން ފީއެއް ނެގުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެ ތަނުގެ ސިވިލް މަސައްކަތުގެ 20 ޕަސެންޓް ނުނިމުނަސް އެޗްޑީސީ އާއި ޑިވެލޮޕަރާ ދެމެދު އުފައްދާފައިވާ އެކްސްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެޕާޓްމަންޓް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންވެ އެތަންތަން ގަންނައިރު އެކަންކަމަށް ސަމާލުވާން އެޗްޑީސީން އިލްތިމާސް ކުރި އެވެ.

ހުޅުމާލެ 2 ގައި 14 ބުރިއަށް އަދި އެ އަށް ވުރެ އުސްކޮށް ރެޒިޑެންޝަލް 10 ޓަވަރު އަޅާނެ ބަޔަކު ހޯދަން މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އެ ކުންފުނިން އިއުލާނުކުރި އެވެ. އެއީ މީހުންނަށް ދިރިއުޅެވޭ ގޮތަށާއި ވިޔަފާރި ކުރެވޭނެ ގޮތާއި ޕާކިން އާއި އިތުރު އާންމު ހިދުމަތްތަކާ އެކު ހަދާ މިކްސްޑް ޔޫސް ރެޒިޑެންޝަލް އިމާރާތްތަކެކެވެ.

ހިޔާ ފްލެޓްތަކުގެ އުތުރަށް އޮންނަ ބޮޑު ބިމުން ބައެއް ވިއްކައިގެން ހިންގާ އެ މަޝްރޫއުގައި 14 ބުރީގެ ހަ ޓަވަރާއި 20 ބުރީގެ ދެ ޓަވަރު އަދި 15 ބުރީގެ ދެ ޓަވަރު އަޅާނެ އެވެ. މިއީ 9،000 އަކަފޫޓާއި 15،100 އަކަފޫޓާ ދެމެދުގެ 10 ބިމުގައި އިމާރާތް ކުރާ އެޕާޓްމަންޓްތަކެކެވެ.