Roadha Mihaaru
އިއުލާނުނުކޮށް ބިން ވިއްކާ ވާހަކަ އެޗްޑީސީން ދޮގުކޮށްފި

އިއުލާނުކުރުމެއް ނެތި ހުޅުމާލެއިން ބިން ވިއްކަން އުޅޭ ވާހަކަ އެޗްޑީސީން ދޮގުކޮށްފި

20 އޯގަސްޓް 2024

އިއުލާނުކުރުމެއް ނެތި ހުޅުމާލެއިން ބިންތަކެއް ވިއްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެޗްޑީސީން އިއްޔެ ދޮގުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިއުލާނުކުރުމެއް ނެތި ހުޅުމާލެއިން ބިންތަކެއް ވިއްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެޗްޑީސީން އިއްޔެ ދޮގުކޮށްފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއުލާންކުރުމެއް ނެތި ހުޅުމާލޭގެ ބިންތަކެއް ވިއްކަން އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް ބުނެ މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން އެ ކުންފުނިން އިއުލާނު ނުކޮށް ހުޅުމާލޭގެ އެއްވެސް ބިމެއް ދިރިއުޅުމުގެ ބޭނުމަށް ވިއްކާފައި ނުވާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުންޏެވެ.

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކަނީ އާންމުކޮށް އިއުލާންކުރުމާ އެކު، ހުޅުވާލެވިފައިވާ ބީލަން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެއިން ބިން ވިއްކަން މި އަހަރު ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފައި ވާނެ ކަމަށެވެ.

"މިއިން ކޮންމެ ފަހަރަކު ވެސް ބިން ގަތުމުގެ ބީލަން ޕްރޮސެސް ކުރިއަށް ދާނެ ގޮތުގެ ތަފުސީލް މައުލޫމާތު އިއުލާނާ އެކު މި ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝައިއުކޮށްފައިވެ އެވެ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ތަރައްގީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ހަބަރު ފެތުރުން ކުށްވެރިކުރާ ކަމަށެވެ.

އެޗްޑީސީން ވަނީ ހުޅުމާލެ 2 ގެ ބީޗު ސައިޑުން 24 ބިމެއް ވިއްކަން މި އަހަރު ހުޅުވާލައިފަ އެވެ. އެ ބިންތައް ގަތުމުގެ ބީލަމަށް އަދި ހުޅުވާލާފައި ނުވެ އެވެ.