Roadha Mihaaru
ސަފާރީތައް ބަނދަރު ކުރަން ދިޔަނަރު ދޭއް ފަޅު ދެނީ

ސަފާރީތައް ބަނދަރު ކުރަން ދިޔަނަރު ދޭއް ފަޅު ދެނީ

23 ޑިސެމްބަރ 2019

ސަފާރީތަކަށް ހާއްސަ ބަނދަރެއްގެ ގޮތުގައި މާލެ އަތޮޅުގެ ދިޔަނަރު ދޭއް ފަޅު ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަފާރީތަކަށް ހާއްސަ ބަނދަރެއްގެ ގޮތުގައި މާލެ އަތޮޅުގެ ދިޔަނަރު ދޭއް ފަޅު ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސް 2019ގެ ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަފާރީތަކާއި ޓޫރިސްޓް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރެއް ބޭނުންވާ ކަމަށާއި އެކަން އަންނަ އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށެވެ. މިފަދަ އުޅަނދުތަކެއް ނެތުމުން އެފަރާތްތަކަށް ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ މި ދައުރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީ ވައުދާއި އެ ސިޔާސަތު ތަންފީޒުވެ އެ އަސާސްތައް އަންނަން. މިފެށޭ 2020 ވަނަ އަހަރު މާލެ ކައިރީގައި އޮންނަ ދިޔަނަރު ފަޅާ ޖެހިގެން އޮންނަ ފަޅު، އިރުމަތީގައިވާ ދިޔަނަރު ދޭއް ފަޅު ތިޔަބޭފުޅުންގެ ބަނދަރަށް ހަދާނަން،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ބޯޓިން ދާއިރާއަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު ބައެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ބޯޓިން ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސަފާރީތަކަށް އަތޮޅުތަކުގައި ފަސޭހަކަމާ އެކު ދަތުރުކޮށް، ފަޅުރަށްތަކަށް ވެސް ދެވޭނެ ފަސޭހަ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަފާރީތަކަށް ކުނި ނައްތާލުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ގިނަ ގާނޫނުތަކެއް އަންނަ އަހަރު އިސްލާހު ކުރައްވާނެ ކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ، ލިވަބޯޑު ދާއިރާއާ ގުޅޭ ގަވައިދުތަކަށް އިސްލާހުތައް ގެންނާނީ މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ، ރާއްޖޭގެ ލިވަބޯޑު އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑު 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު އަންނަނީ ދެމުންނެވެ.

މިއަހަރުގެ ބޯޓިން އެވޯޑު 29 ކެޓަގަރީއަކުން އަންނަނީ ދެމުންނެވެ. މި އެވޯޑު ދެނީ ކަނޑައާފައިވާ ފަނޑިޔާރުންގެ 70 ޕަސެންޓު މާކްސް އާއި އޮންލައިން އަދި އެސްއެމްއެސް އިން ލިބޭ 30 ޕަސެންޓް މާކްސް އިންނެވެ.