Roadha Mihaaru
ޓޫރިޒަމް އިޝްތިހާރު ކުރަން ތައްޔާރުވެފައެއް ނެތް: ލޭމް

ޓޫރިޒަމް އިޝްތިހާރު ކުރުމަށް ތައްޔާރުވެފައި ނުވާތީ ސަފާރީ އޮޕަރޭޓަރުން ވެސް ކަންބޮޑުވެއްޖެ

21 ޑިސެމްބަރ 2016

ރާއްޖޭގެ ޓޫރިޒަމް ބޭރު ދުނިޔޭގައި އިޝްތިހާރު ކުރަން އަންނަ އަހަރަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނުވާ ކަމަށް ބުނެ، ސަފާރީ ގެންގުޅޭ ފަރާތްތަކުގެ ޖަމިއްޔާ އިން ވެސް ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ ޓޫރިޒަމް ބޭރު ދުނިޔޭގައި އިޝްތިހާރު ކުރަން އަންނަ އަހަރަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނުވާ ކަމަށް ބުނެ، ސަފާރީ ގެންގުޅޭ ފަރާތްތަކުގެ ޖަމިއްޔާ އިން ވެސް ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަންނަ އަހަރު ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށާއި މަސައްކަތް ވެސް ނުކުރާ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކުރިއަށް އޮތް ތިން މަސް ދުވަހު ބާއްވާ ފެއާތަކުގައި ބައިވެރިވާން އަދި ހުޅުވާލައިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޖަރުމަނުގައި އަންނަ މަހު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޑައިވް އަދި ބޯޓް ޝޯ ހިމެނޭކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

"ބޭރުގެ ފެއާތަކުގައި އިޝްތިހާރު ކުރަން، ދަތުރުގެ އިންތިޒާމު ހަމަޖެއްސުމާއި އެ ނޫން ވެސް ކަންކަމަށް ދުރާލާ ތައްޔާރުވާން ޖެހެ އެވެ. އަންނަ އަހަރު ބައިވެރިވާ ފެއާތަކުގެ މައުލޫމާތު ހިއްސާކުރަން ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް މިހާރު މާ ލަސްވެއްޖެ އެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖެ އަށް ޓޫރިސްޓުން ގެންނަ ފަރާތްތަކުގެ ޖަމިއްޔާ ކަމަށްވާ މަޓާޓޯ އިން ވެސް ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން މަހު ބާއްވާ ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އަދިވެސް ހުޅުވާލާފައެއް ނުވެ އެވެ. ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކުގައި ބާއްވާ ފެއާތަކުގައި ބައިވެރިވާން ފްލައިޓާއި ހޮޓާ ބުކް ކުރުން ފަދަ ގިނަ އިންތިޒާމުތަކެއް ދުރާލާ ހަމަޖައްސަން ޖެހޭ އިރު، ރާއްޖޭގެ ބްރޭންޑް އެ ފެއާތަކުން ނުފެނުން އެކަށީގެންވާ ކަމަށް އެ ޖަމިއްޔާ އިން މިދިޔަ ހޯމަ ދުވަހު ބުންޏެވެ.

އެކަމަކު، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިތުރު އަދި ވަރުގަދަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމުގެ ޔަގީންކަން އިއްޔެ ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ހަތަރު މާކެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި، މިހާރު އަޑިއަޅާލާފައިވާ ޗައިނާގެ މާކެޓާއި އެންމެ ބާރަށް ކުރިއަރަމުން އަންނަ ސައޫދީ އަރަބިއްޔާ ފަދަ މެދުއިރުމަތީގެ ގައުމުތަކުގެ އިތުރަށް، ފްރާންސް ފަދަ ޔޫރަޕްގެ ގައުމުތައް އަދި އިންޑިއާ ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މާކެޓުތަކުން ކޮންސަލްޓަންޓުން ކަނޑައަޅައި އެ ފަރާތްތަކާ އެކު މިހާރު މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި އަންނަ މަހު ބާއްވާ ހަތަރު ފެއާއެއް ހިމެނޭ ގޮތަށް، އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 14 ފެއާއެއްގައި ބައިވެރިވާން މިހާރު ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ގޮތުން އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މި ދުވަސްވަރު ވަނީ ޓޫރިޒަމް ދަށަށް ގޮސްފަ އެވެ. އެ ގޮތުން، ކުރިން ގާތްގަނޑަކަށް އަހަރަކު ހަ ޕަސެންޓުގައި ކުރިއަރަމުން ދިޔަ މި ސިނާއަތް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުރިއަރާފައި ވަނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 1.8 ޕަސެންޓުގަ އެވެ.

މީގެ އިތުރުން، މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލް ބަދަލުކުރުން ހިމެނެ އެވެ.