Roadha Mihaaru
މިދިޔަ މަހު އައި ޓޫރިސްޓުން އެއް ޕަސެންޓް ދަށްވެއްޖެ

މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު އެއް ޕަސެންޓް ދަށްވެއްޖެ

03 ޖޫން 2024

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ އެވެ. ޖުލައި މަހާ އެކު އަދަދު އިތުރުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައީ 119،000 ޓޫރިސްޓުންނެވެ. އޭގެ ކުރީ އަހަރުގެ މެއި މަހު 120،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ މެއި މަހު ރާއްޖެ އަށް އައިސްފައި ވަނީ އޭގެ ކުރީ މަހަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް ދަށް އަދަދެކެވެ. އެއީ ގާތްގަނޑަކަށް 50،000 ޓޫރިސްޓުން ދަށް އަދަދެކެވެ. މިދިޔަ އޭޕްރީލް މަހު ރާއްޖެ އަށް ވަނީ 168،000 ޓޫރިސްޓުން އައިސްފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ، 3،700 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރަށް ވުރެ ހަތަރު ޕަސެންޓުގެ ދަށްވުމެކެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް މެއި، ޖޫން މަހު އަންނަ ޓޫރިސްޓުން އެހެން މަސްތަކަށް ވުރެ ދަށެވެ.

މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖެ އަށް 217،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވެސް ރާއްޖެ އަށް 150،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ވަނީ 895،000 ޓޫރިސްޓުން އައިސްފަ އެވެ.

ޓޫރިސްޓުން އަންނަ ވަރަށް ބަލާއިރު މި މަސް ނިމޭ އިރު ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައުމުގެ ފުރުސަތު ބޮޑެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.