Roadha Mihaaru
20 ކިއޮސްކް އަށް އެދި 183 މީހަކު ކުރިމަތިލައިފި

20 ކިއޮސްކު އަށް އެދި 183 މީހަކު ކުރިމަތިލި، ގުރު ނެގުން އާދިއްތަ ދުވަހު

19 ސެޕްޓެމްބަރ 2024

ހުޅުމާލެ 2 ގައި ހަޓުތައް ހިންގި ސަރަހައްދުގައި ހެދި ކިއޮސްކުތައް ހިންގުމަށް ކުރިމަތިލި މީހުންގެ މެދުގައި އަންނަ އާދިއްތަ ދުވަހު ގުރު ނަގަން އެޗްޑީސީން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެ 2 ގައި ހަޓުތައް ހިންގި ސަރަހައްދުގައި ހެދި ކިއޮސްކުތައް ހިންގުމަށް ކުރިމަތިލި މީހުންގެ މެދުގައި އަންނަ އާދިއްތަ ދުވަހު ގުރު ނަގަން އެޗްޑީސީން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، 20 ކިއޮސްކު ކުއްޔަށް ހިފުމަށް އެދި 183 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނެގުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އުމަރު ޒާހިރު ބިލްޑިންގްގެ ހަ ވަނަ ފަންގިފިލާގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން ކިއޮސްކުތައް ކުއްޔަށް ދެނީ އެއް އަހަރުގެ މުއްދަތަކަށެވެ. ކުލީގެ ގޮތުގައި މަހަކު 3،500ރ. ދައްކަން ޖެހެ އެވެ. އެކުއިޒިޝަން ފީގެ ގޮތުގައި 5،000ރ. ވެސް ނަގާއިރު، ލީސް ޑިޕޮސިޓްގެ ގޮތުގައި 10،500ރ. ވެސް ދައްކަން ޖެހެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ތަންތަނަށް ކުރިމަތިލާ މީހުންނަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސަކަށް ވުމާ އެކު، ހިޔާ ފްލެޓްގެ ވެރިފަރާތް ނުވަތަ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހަކަށް ވާން ޖެހެ އެވެ. އެޗްޑީސީ އަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ހުރި މީހަކަށް ވެގެން ނުވެ އެވެ. އަދި އެއްވެސް ފުލެޓެއް ނުވަތަ ވިޔަފާރި ބޭނުމަށް ކުއްޔަށް ނަގާފައިވާ އެއްވެސް ތަނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ނަމަ މިތަނަށް ޝަރުތު ހަމައެއް ނުވެ އެވެ.

އެޗްޑީސީން ބުނީ ކިއޮސްކް ހިންގުމުގެ ހުރިހާ މަސައްކަތެއްގައި އުޅެން ޖެހެނީ ދިވެހިން ކަމަށެވެ. ބިދޭސީން އެ މަސައްކަތުގައި ގެންގުޅުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިއޮސްކްގައި ކުރުން މަނާ ކަންކަން:

• ކިއޮސްކް ހިންގުމުގެ ހުއްދަ ދީފައިވާ މީހާ އެހެން މީހަކަށް ކުއްޔަށް ދިނުން.

• އަލިފާން ހިފާ ޒާތުގެ ތެލާއި ގިރިސް އަދި ގޭސް ގެންގުޅުން.

• ކިއޮސްކްގައި އެއްވެސް ބާވަތެއްގެ އެއްޗެއް ކެއްކުމާއި ފިހުން އަދި ތެލުލުން.

• ކިއޮސްކްގެ ބޭރުގައި އެއްވެސް ބާވަތެއްގެ ތަކެއްޗާއި ކުނި ބެހެއްޓުން.

• ކިއޮސްކްގެ ބޭރުގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުން.

ހިޔާ ފްލެޓަށް ބަދަލުވި މީހުން ވަނީ އެ ޓަވަރުތަކުގެ މެދުގައި ހަޓުތައް ހަދައިގެން އެއްވެސް ހުއްދައެއް ނުނަގައި އެތަނުގައި ވިޔަފާރި ކޮށްފަ އެވެ. އެންމެ ފަހުން އެޗްޑީސީން އެ ހަޓުތައް ނެގުމުން، އެ ޓަވަރުތަކާ ދިމާލުން ބީޗު ސަރަހައްދުގެ ކުދި މަގުތަކުގައި ހަޓުތައް ހަދައިގެން ކާބޯތަކެތީގެ ވިޔަފާރި ކުރަން ފެށި އެވެ. އެކަމަކު އެއްވެސް ހުއްދައެއް ނެތި ކުރަމުންދިޔަ އެ ވިޔަފާރިތައް ހުއްޓުވައި އެ ހަޓުތައް ނަގައި، ކިއޮސްކް ހަދާފައިވަނީ އެ ޖާގައިގަ އެވެ.