Roadha Mihaaru
ހުޅުމާލެ 2 ގެ ކިއޮސްކުތައް ކުއްޔަށް ދެނީ

ހުޅުމާލެ 2 ގެ ކިއޮސްކުތައް ކުއްޔަށް ދެނީ؛ ކުރިމަތިލެވޭނީ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް އެކަނި

22 އޯގަސްޓް 2024

ހުޅުމާލެ 2 ގައި ހަޓުތައް ހިންގި ސަރަހައްދުގައި ހެދި ކިއޮސްކުތައް ކުއްޔަށް ދޭން އެޗްޑީސީން މިއަދު ހުޅުވާލައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި ހަޓުތައް ހިންގި ސަރަހައްދުގައި ހެދި ކިއޮސްކުތައް ކުއްޔަށް ދޭން އެޗްޑީސީން މިއަދު ހުޅުވާލައިފަ އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ 2 އިން 20 ކިއޮސްކް ކުއްޔަށް ހިފުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކިއޮސްކުތައް ކުއްޔަށް ދޭނެ މީހުން ކަނޑައަޅާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަތުރު ހަމަވާ މީހުންގެ މެދުގައި ގުރުނަގައިގެން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެ އިއުލާނުގައި ބުނިގޮތުގައި، ކިއޮސްކް ކުއްޔަށް ދިނުމާ ބެހޭ ފޯމު ވިއްކަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. ފޯމެއް ވިއްކަނީ 1،000ރ. އަށެވެ. ފޯމު ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ފަހެއްގެ ކުރިންނެވެ. ގުރުނެގުން އޮންނާނީ އަންނަ މަހު 19 ގަ އެވެ.

މި ކިއޮސްކުތައް ކުއްޔަށް ދެނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ކުލީގެ ގޮތުގައި މަހަކު 3،500ރ. ދައްކަން ޖެހެ އެވެ. އަދި އެކުއިޒިޝަން ފީގެ ގޮތުގައި 5،000ރ. ވެސް ނަގާއިރު، ލީސް ޑިޕޮސިޓްގެ ގޮތުގައި 10،500ރ. ވެސް ދައްކަން ޖެހެ އެވެ.

ކިއޮސްކުތައް ހިންގުމަށް ގުރުއަތުން ހޮވޭ 20 މީހުންގެ އިތުރުން ވެއިޓްލިސްޓެއްގެ ގޮތުގައި އިތުރު 10 މީހަކު ހޮވާނެ އެވެ.

ޝަރުތުތައް

• އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން.

• ހިޔާ ފްލެޓުގެ ވެރިފަރާތްކަމުގައިވުން ނުވަތަ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހަކަށް ވުން.

• އެޗްޑީސީއަށް އެއްވެސް ފައިސާ ދައްކަން ޖެހި، އެ ފައިސާ ނުދައްކާ މީހެއް ކަމުގައި ނުވުން.

• އެއްވެސް ފުލެޓެއް ނުވަތަ ވިޔަފާރި ބޭނުމަށް ކުއްޔަށް ނަގާފައިވާ އެއްވެސް ތަނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހެއް ކަމުގައި ނުވުން.

ހުޅުމާލެ 2 ގައި ހަދާފައިވާ ކިއޮސްކުތައް: މި ތަންތަން ކުއްޔަށް ދޭން ވަނީ ހުޅުވާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ 2 ގައި ހަދާފައިވާ ކިއޮސްކުތައް: މި ތަންތަން ކުއްޔަށް ދޭން ވަނީ ހުޅުވާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެޗްޑީސީން ބުނީ ކިއޮސްކް ހިންގުމުގެ ހުރިހާ މަސައްކަތެއްގައި އުޅެން ޖެހޭނީ ދިވެހިން ކަމަށެވެ. ކިއޮސްކުގައި ކުރެވޭ އެއްވެސް ވިޔަފާރިއެއް ނުވަތަ މަސައްކަތެއްގައި ބިދޭސީން ބައިވެރިކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަނާ ބައެއް ކަންކަން

• ކިއޮސްކް ހިންގުމުގެ ހުއްދަ ދީފައިވާ މީހާ އެހެން މީހަކަށް ކުއްޔަށް ދިނުން.

• އަލިފާން ހިފާ ޒާތުގެ ތެލާއި ގިރިސް އަދި ގޭސް ގެންގުޅުން.

• ކިއޮސްކްގައި އެއްވެސް ބާވަތެއްގެ އެއްޗެއް ކެއްކުމާއި ފިހުން އަދި ތެލުލުން.

• ކިއޮސްކްގެ ބޭރުގައި އެއްވެސް ބާވަތެއްގެ ތަކެއްޗާއި ކުނި ބެހެއްޓުން.

• ކިއޮސްކްގެ ބޭރުގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުން.

ކިއޮސްކް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަހުގެ ތެރޭގައި އެތަނުން ހިދުމަތް ދޭން ފަށަން ޖެހޭނެ އެވެ. އަދި ކިއޮސްކުގެ ހިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން ރޭގަނޑު 11:00 ގެ ނިޔަލަށެވެ.

ހުޅުމާލެ 2 ގެ ރުއްގަނޑާއި ބީޗު ސަރަހައްދުގައި ކުރިން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ހަޓުތައް ހަދައި ކާބޯތަކެތި ވިއްކި އެވެ. ނަމަވެސް އެއީ އެއްވެސް ހުއްދައެއް ނެތި ކުރަމުން ދިޔަ ކަމަކަށް ވާތީ އެޗްޑީސީން ވަނީ އެކަން ހުއްޓުވައި ހަޓުތައް ނަގައި އެތަން ސާފުކޮށް ކިއޮސްކް ހިންގާނެ ޖާގަ ހަދައިފަ އެވެ.