Roadha Mihaaru
ހުޅުމާލޭގެ ހުސް ގޯތިތަކަށް ކާރުތައް ރަޖިސްޓަރީ ކޮށްދެނީ

ހުޅުމާލެ 2 އިން ދޫކުރިން ކޮންމެ ހުސް ގޯއްޗަކަށް ކާރެއް ރަޖިސްޓަރީ ކުރެވޭ ގޮތް ހަދައިފި

09 ސެޕްޓެމްބަރ 2024

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކޮށްފައިވާ ހުސް ގޯތިތަކަށް ކާރު ރަޖިސްޓަރީ ކުރެވޭ ގޮތް ހަދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކޮށްފައިވާ ހުސް ގޯތިތަކަށް ކާރު ރަޖިސްޓަރީ ކުރެވޭ ގޮތް ހަދައިފި އެވެ.

އެޗްޑީސީން މިދިޔަ ހަފުތާ ހޯމަ ދުވަހު އާންމުކުރި "ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތް ކުރުމުގެ އުސޫލު" ގެ 14 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިމާރާތް ނުކޮށް އޮންނަ ހުސް ބިމުގައި ކާރެއް ރަޖިސްޓަރީ ކުރަން އެދޭ ނަމަ އެ ފުރުސަތު ދޭނެ އެވެ.

އެފަދަ ގޮތަކަށް ހުސް ބިމަށް ރަޖިސްޓަރީ ކުރެވޭނީ އެންމެ ކާރެއް ކަމަށާއި ރަޖިސްޓަރީ ކުރެވޭނީ ގޯތީގެ ވެރިފަރާތާ ނުވަތަ ވެރިފަރާތާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއްގެ ކާރެއް ކަމަށް އުސޫލުގައި ވެ އެވެ.

ރަޖިސްޓަރީ ކުރަން ހުށަހަޅާ މީހަކީ ވެރިފަރާތް ނޫން ނަމަ ވެރިފަރާތާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަން ސާބިތު ކޮށްދިނުމަށް ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ކަނޑައަޅާފައި ވެ އެވެ.

އެ ގޯތި އިމާރާތް ކުރުމަށް ކުރެހުން ފާސްކުރަން ހުށަހަޅާއިރު، ރަޖިސްޓަރީ ކުރުމަށް ހުއްދަ ނެގި ކާރު، އެ ކުރެހުމުގައި ދައްކަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެ އެވެ.

މާލެ އާއި ހުޅުމާލޭގައި ވެސް މިހާރު ކާރު ރަޖިސްޓަރީ ކޮށްދެނީ ގަރާޖެއް އޮތް މީހުންނަށެވެ. ގަރާޖު ނެތް މީހުން މާލޭގެ ގޭގޭ ވެރިފަރާތްތަކުން ގަރާޖު ސިޓީ ގަތުމުގެ ބޮޑު ވިޔަފާރިއެއް ހިންގަ އެވެ. އަދި ނުފޫޒު ބޭނުން ކޮށްގެން ގަވައިދާ ހިލާފަށް އެއް ގަރާޖަކަށް އެތައް ސަތޭކަ ކާރެއް ރަޖިސްޓަރީ ކުރާ މައްސަލަ އޮވެ އެވެ.

ނަމަވެސް މި ސަރުކާރު ހަވާލުވެ ކާރު ރަޖިސްޓަރީ ކުރުމުގެ އުސޫލު ޓްރާންސްޕޯޓް މިނިސްޓްރީން ހަރުކަށި ކުރުމާ އެކު، ކާރު ރަޖިސްޓަރީ ކުރާނެ ގޮތެއް ނެތި އެކަން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މި ފަހުން ވަނީ މަގުމަތީގައި އެގޮތަށް ރަޖިސްޓަރީ ނުކުރެވި ހުރި ކާރުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައި ހުރި ކާރުތައް މާލެ ސަރަހައްދަށް ރަޖިސްޓަރޫ ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމައިފަ އެވެ.