ރާއްޖޭގައި މަތީ ތައުލީމުގައި ޓްރެންޑު ސެޓްކުރާ ތަނަކީ ވިލާ ކޮލެޖު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
30 ސެޕްޓެމްބަރ 2024
ރާއްޖޭގައި މަތީ ތައުލީމުގައި ޓްރެންޑު ސެޓްކުރާ ތަނަކީ ވިލާ ކޮލެޖު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުން މި އަހަރު ދަސްވެނިވުނު ކުދިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން ރާއްޖެ އަށް ކޯސްތައް ތައާރަފްކޮށް، ވިލާ ކޮލެޖު ސެޓުކޮށްފައިވާ ތައުލީމީ ކާމިޔާބީތައް ފާހަގަކުރައްވައިފަ އެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެ ކޮލެޖަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލް މިހާރު ވަނީ މަޖިލިސް ތަޅުމުން ނިމި ކޮމިޓީ މަރުހަލާ އަށް ގޮސްފައި. އުއްމީދަކީ އަންނަ އަހަރުގެ މިފަދަ ރަސްމިއްޔާތެއް އަންނައިރު، ވިލާ ކޮލެޖަކީ ޔުނިވާސިޓީއެއްގެ ލަގަބު ލިބިފައިވާ ތަނަކަށް ވުން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރާއްޖެ އަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ މިފަދަ ދުވަސްވަރެއްގައި، މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑު ފަދަ ތަންތަނުގެ ކޯސްތައް ރާއްޖޭގައި ފުރިހަމަ ކުރެވޭނެ ގޮތް ވުމަކީ ތައުލީމަށް ޑޮލަރު ހޭދަކުރާ ވަރު މަދުވެ، ގިނަ ބަޔަކަށް އޭގެ މާލީ ލުއިފަސޭހަކަން ލިބޭނެ ކަމެކެވެ. އަދި ރާއްޖޭގައި ހުރެ، އެ ފަދަ ޔުނިވަސިޓީތަކުގެ ކޯސްތައް ކިޔަވަން ލިބުމަކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖުން މި އަހަރު ދަސްވެނިވުނު ކުދިންނާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ތައުލީމީ ދާއިރާގައި ފަހި ފުރުސަތުތަކެއް ރާއްޖޭގައި އެބަހުރި ކަމަށެވެ.
"އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ އެކު ވެސް 1،600 އެއްހާ ވައިޓްކަލާ ވަޒީފާތައް އުފެދޭނެ. މި ވަޒީފާތަކަށް ތި ފަދަ ތައުލީމީ ޒުވާނުން ބޭނުންވޭ،" ނާޒިމް ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ދަރިވަރަކާ ނާޒިމް އެވޯޑް ހަވާލު ކޮށްދެއްވަނީ.
އޭނާ ވަނީ ރާއްޖޭގައި އޮޑިޓިން އާއި ގާނޫނީ ދާއިރާ ވެސް ފުޅާވެފަިއވާ ކަމަށް ވިދާޅުވެ، އެ ދާއިރާތަކުން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް ދަރިވަރުންނަށް ގޮވާލައްވައިފަ އެވެ.
"ރާއްޖޭގައި އެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް އެބަ ހުރި. ކުރިއަށް އޮތް އަހަރެއްހާ ދުވަހު މި ފުރުސަތުތައް ދާނީ އިތުރުވަމުން. ބޭނުން ވަނީ މި ހުޅުވޭ ފުރުސަތުތަކުގެ ބޭނުން ހިފާނެ އިހުލާސްތެރި ހިދުމަތްތެރިން،" ނާޒިމް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ވިލާ ކޮލެޖު ނަމޫނާ ދައްކަމުން އަންނަ ކަން ފާހަގަކުރައްވައި، އެ ކޮލެޖުގެ ފައުންޑަރު ގާސިމް އިބްރާހިމަކީ ގިނަ ގޮންޖެހުންތަކެއް ހުރަސް ކުރެއްވުމަށް ފަހު، ތައުލީމީ ދާއިރާ ތަރައްގީ ކުރުމުގައި ހުންނެވި ބޮޑު ހިދުމަތްތެރިއެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ވިލާ ކޮލެޖުން ރޭ ބޭއްވި ސްޓޫޑަންޓް އެޗީވްމަންޓު އެވޯޑަކީ އެ ކޮލެޖުން މިދިޔަ އަހަރާއި މި އަހަރު ދަސްވެނިވުނު ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުން ފާހަގަކުރަން ބޭއްވި އެވޯޑު ހަފްލާއެކެވެ.
ވިލާ ކޮލެޖުން އާ ކޯސްތަކެއް ތައާރަފްކޮށްފި
"ދާއިރާއާ ނުގުޅޭ ސުވާލު" ގިނަވެ މަޖިލީހުގައި ނުރުހުން
ޕޮލްކޯގެ ހިޔާނާތުން ހޯދި މުދާތައް އަތުލަން ހުށަހަޅަނީ
ވިލާ ކޮލެޖުން ހަތް ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޖަލްސާތައް ނުބާއްވަނީ ތަޅުމުގައި ކުރާނެ ކަމެއް ނެތުމުން
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން
ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން!
ވިލާ ކޮލެޖުން ސައިބާ ސެކިއުރިޓީން މީހުން ބިނާކުރަނީ
ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފި
ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް