Roadha Mihaaru

އިތުރު ސުވާލު "ދާއިރާއާ ނުގުޅޭތީ" ފުރުސަތު ނުދިނުމުން މެންބަރުންގެ ނުރުހުން!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮންސްޓަރްކަޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހާޒިރުކޮށް އިތުރު ސުވާލުކުރުމުގެ ވަގުތުގައި ކުރި ސުވާލުތައް މިއަދުގެ ސުވާލުގެ ދާއިރާއާ ނުގުޅޭ ކަމަށް ވިދާޅުވެ، މިނިސްޓަރަށް ޖަވާބު ދެއްވަން ފުރުސަތު ނުދެއްވުމުން މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެ އެވެ.

"ދާއިރާއާ ނުގުޅޭ ސުވާލު" ގިނަވެ މަޖިލީހުގައި ނުރުހުން
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

28 އެޕްރީލް 2025

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮންސްޓަރްކަޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހާޒިރުކޮށް އިތުރު ސުވާލުކުރުމުގެ ވަގުތުގައި ކުރި ސުވާލުތައް މިއަދުގެ ސުވާލުގެ ދާއިރާއާ ނުގުޅޭ ކަމަށް ވިދާޅުވެ، މިނިސްޓަރަށް ޖަވާބު ދެއްވަން ފުރުސަތު ނުދެއްވުމުން މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައިވަނީ ނ. ޅޮހީގެ ފެނާއި ނަރުދަމާ ނުނިމި ލަސްވާތީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފޮނުއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވުމާ އެކު އިތުރު ސުވާލުގެ ފުރުސަތުގައި އައްބާސް ވަނީ އެ އަތޮޅު ވެލިދު އާއި ފޮއްދޫގެ ނަރުދަމާއާ ގުޅޭ ސުވާލެއް ވެސް ކުރައްވަައިފަ އެވެ.

ނަމަވެސް އެ ސުވާލާއި އޭގެ ފަހުން މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް ޖަވާބު ދިނުމަށް މިނިސްޓަރަށް ފުރުސަތު ދެއްވުމުގެ ބަދަލުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެ ސުވާލުތަކަކީ މިއަދުގެ ސުވާލުގެ ދާއިރާއާ ގުޅޭ ސުވާލުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މެންބަރުން ވަނީ އެކަމާ ހިތްހަމަނުޖެހި މިއަދުގެ ދާއިރާއަކީ ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. ރިޔާސަތުން އެންގެވީ މިއަދުގެ ދާއިރާއަކީ ޅޮހީގެ ފެނާއި ނަރުދަމާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އައްބާސް މިނިސްޓަރާ ސުވާލުކުރައްވަނީ -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އައްބާސް މިނިސްޓަރާ ސުވާލުކުރައްވަނީ -- ފޮޓޯ: މަޖިލިސް

ރިޔާސަތުން އެގޮތުން އެންގެވުމުން ގިނަ މެންބަރުން ސުވާލު ކުރައްވާފައިވަނީ ސުވާލުގައި ޅޮހީގެ ނަން ހިމަނައިގެން އެ ރަށުގެ ފެނާއި ނަރުދަމާ ފަދައިން ހަވާލުކޮށް ނުނިމި ހުރި އެހެން ރަށްތަކާ ގުޅުވައިފަ އެވެ.

ޖަލްސާ ބޮޑަށް ހޫނުވެގެން ދިޔައީ އިދިކޮޅު މެންބަރުން ކުރެއްވި ރަށްރަށުގެ ފެނާއި ނަރުދަމާގެ ސުވާލުތަކާއި ހުޅުމާލެ ހިއްކުމުގެ ސުވާލަކަށް މިނިސްޓަރަށް ފުރުސަތު ނުދެއްވައި، އެޗްޑީސީގެ ސްޓާފް ފްލެޓުތަކަކާ ގުޅިގެން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް ފުރުސަތު ދެއްވުމުންނެވެ.

އެކަމާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ހުޅުމާލޭ ފޭސް ތިނެއް ހިއްކުމާ ގުޅިގެން އޭނާ ކުރެއްވި ސުވާލު ދާއިރާއާ ނުގުޅި، ސަރުކާރަށް ނިސްބަތްވާ މެންބަރު ކުރި ސުވާލު ގުޅުނީ ކޮން ގޮތަކުންތޯ ސުވާލުކުރައްވައިފަ އެވެ.

"އެ ސުވާލުގެ ގުޅުން މަނިކުފާނަށް އެބަ ފެނޭ ވަރަށް ބޮޑަށް. މިހާ ހުދުމުހުތާރުކޮށް މަޖިލިސް ހިނގާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" މީކާއިލް ވިދާޅުވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މިއަދުގެ ގިނަ ސުވާލުތަކަކީ ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭ ސުވާލުތަކަކަށް ވާތީ އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މަނިކުފާނަށް ސުވާލު ގުޅޭތޯ ނޫންތޯ ކޮންތާކުންތޯ މާނަ ކުރެއްވީ. މިއީ ޕީއެސްއައިޕީ މަޝްރޫތަކާ ގުޅޭ ސުވާލުތައް މިތާގައި ކުރަނީ. އެއަށް ޖަވާބުދާރީވާން ޖެހޭނެ. އެއީ މިހާތަނަށް މި މަޖިލީހުގައި އަމަލުކުރަމުން އައި ގޮތް،" ޝަމްހީދު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން ވެސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުސަތު ދެއްވާފައި ނުވާތީ މެންބަރުން ވަނީ ވަރަށް ބޮޑަށް ތަޅުމުގައި އަޑުގަދަ ކުރައްވައިފަ އެވެ.

ޝަމްހީދު ވަނީ އިތުރު ފުރުސަތެއް ނަންގަވައި، ރިޔާސަތުން އެ ކުރިއަށް ގެންދާ ގޮތަށް ސުވާލުކުރުން ކުރިއަށް ގެންދާނަމަ، ކޮންމެ ޕްރޮޖެކްޓަށް ވަކިން ސުވާލު ހުށަހަޅައިގެން 2،000 އަށް ވުރެ ގިނަ ދުވަހު މިނިސްޓަރު ހާޒިރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޖުމްލަ 300 ދުވަހު ޖަލްސާ ނުބޭއްވިގެން އުޅޭއިރު އެއީ ޕްރެކްޓީކަލް ކަމެއް ނޫން ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މަޖިލީހުގެ މިއަދުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މަޖިލީހުގެ މިއަދުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް

އެކަމާ ގުޅިގެން، ރިޔާސަތުގައި އިންނެވި ނާޒިމް ވަނީ ""ބޭނުންހާ ސުވާލެއް ކުރައްވަން ބޭނުން ނަމަ" މަޖިލިސް ގަވައިދު އިސްލާހު ކުރައްވަން ވިދާޅުވެފަ އެވެ.

މަޖިލިސް ގަވައިދުގައި އޮންނަނީ ދުވަހުގެ ސުވާލާ ގުޅިގެން އިތުރު ސުވާލުކުރުމުގެ ފުރުސަތު ދިނުމަށެވެ.

މީގެ ކުރިން މަޖިލީހުގައި އަމަލުކުރަމުން އައި ގޮތަށް ބަލާއިރު، ސުވާލާ ގުޅިގެން ކުރާ ހުރިހާ ސުވާލުތަކަށް ޖަވާބުދިނުމުގެ ފުރުސަތު މިނިސްޓަރަށް ދެއްވަ އެވެ. ދާއިރާއާ ނުގުޅޭނަމަ ނުވަތަ އެ ސުވާލަށް ޖަވާބުދެއްވަން ތައްޔާރުވެވަޑައިނުގެން ތަޅުމަށް ވަޑައިގެންނެވިނަމަ ޖަވާބު ނުދިނުމުގެ ފުރުސަތު ދޫކޮށްލަނީ މިނިސްޓަރުގެ އަތްމައްޗަށެވެ.

ހައުސިން އަދި ކޮންސްޓަރްކްޝަން މިނިސްޓްރީއަކީ އެންމެ ގިނައިން ޕްރޮޖެކްޓުތައް ހިންގާ މިނިސްޓްރީއަށް ވުމާއެކު، އެއީ މެންބަރުންގެ އެންމެ ގިނަ ސުވާލު ގިނަ ދާއިރާ އެވެ. އެންމެ ގިނައިން މަޖިލީހަށް ހާޒިރުކުރަނީ ވެސް ހައުސިން މިނިސްޓަރެވެ.

ނަމަވެސް، ސުވާލުގެ 14 ދުވަހުގެ ނޯޓިސް ފަހަނަ އަޅާ ދާއިރު ވެސް މިނިސްޓަރު މަޖިލީހަށް ހާޒިރުނުކުރާތީ ރިޔާސަތާމެދު އިދިކޮޅު މެންބަރުންގެ ނުރުހުން އޮތީ އަމާޒު ވެފަ އެވެ.