Roadha Mihaaru

މުއްތަލިބް އެދިވަޑައިގަތީ ބަންޑާރަ ގޯތި ދިނުމުގެ ކަންކަމަށް މަޖިލީހުން ހައްލެއް ގެނެސްދޭން!

ހިލޭ ގޯތި ދިނުމަކީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އެދިވަޑައިގެންފި އެވެ.

ބަންޑާރަ ގޯތި މައްސަލައަށް މަޖިލީހުގެ ހައްލަކަށް އެދެފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

28 އެޕްރީލް 2025

ހިލޭ ގޯތި ދިނުމަކީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އެދިވަޑައިގެންފި އެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލު ކުރެއްވީ ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނަސީމެވެ.

އޭނާގެ ސުވާލަކަށްވީ، ހިލޭ ގޯތި ދިނުމަކީ ދެކޮޅަށް ވެސް ބަހުސް ކުރުމުގެ ޖާގަ ވަރަށް ބޮޑަށް އޮތް ސިޔާސަތަކަށް ވާއިރު، އެ ސިޔާސަތު ބަދަލުކުރުމުގެ ވިސްނުން މިނިސްޓަރު މުއްތަލިބު ގެންގުޅުއްވާތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖެ އަށް ވަރަށް ހާއްސަ ސިފައެއް ކަމަށާއި އެކަމަކު ތާރީހީ ގޮތުން ފާހަގަވެފައިވާ ކަމެއް ނުވަތަ ސިޔާސަތެއް ބަދަލުކުރުމުގެ ބާރު މިނިސްޓަރަށް އެކަނި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް މެންބަރު ނަސީމް ވިދާޅުވި ވާހަކައަށް ތާއީދު ކުރައްވަމުން މިނިސްޓަރު މުއްތަލިބު ވެސް ވިދާޅުވީ ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވެދާނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހައްލެއް ގެނެސްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ބަންޑާރަ ގޯތި ގާނޫނެއްގެ ތެރެއަށް ގެނެސްގެން މަޖިލީހުން އެކަމަށް ހައްލެއް ހޯދައިދިނުމަކީ އަޅުގަނޑު އެދޭ ކަމެއް،" މުއްތަލިބް ވިދާޅުވި އެވެ.

ހިލޭ ގޯތި ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުހައްމަދު އަސްލަމް ވެސް އޭރު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

އެކަމަކު، އަސްލަމް ވެސް ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ސަރުކާރުގެ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވަނީ ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލޭގެ މީހުންނަށް ހިލޭ 3،000 ގޯތި ދޫކޮށްފަ އެވެ. އޭރު ވެސް އެއީ ހިޔާލު ތަފާތުވުން ބޮޑު އަދި އެތައް ބަޔަކު ދެކޮޅު ހަދަމުން ދިޔަ ކަމެކެވެ.