Roadha Mihaaru

ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގައި މިވަގުތަކު ނެތް: މުއްތަލިބް

މަގުތަކުގައި ތާރު އެޅުމުގެ ގާބިލްކަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި "މި ވަގުތު ނެތް" ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގައި މިވަގުތު ނެތް!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

12 މެއި 2025

މަގުތަކުގައި ތާރު އެޅުމުގެ ގާބިލްކަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި "މި ވަގުތު ނެތް" ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ތިމަރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން އެ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

މުއްތަލިބް ވިދާޅުވީ، އާރުޑީސީއާ ހަވާލުކޮށްފައިވާ ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ އިންޑިއާ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓް ކޮށްގެން ކަމަށެވެ.

ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، އެ ކުންފުނިން އެއްވެސް މަސައްކަތަކެއް ކޮށްފައި ނުވާތީ، އެ މަސައްކަތް ފަހުން ކޮށްފައިވަނީ އާރުޑީސީން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް - ފޮޓޯ: މަޖިލިސް

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް - ފޮޓޯ: މަޖިލިސް

އާރުޑީސީން މަގުތަކުގެ މަސައްކަތްކޮށް، ތާރު އެޅުމާ ހަމައަށް ގެންގޮސްފައިވީ ނަމަވެސް، މަސައްކަތް މި ވަގުތަށް މަޑުޖެހިފައި އޮތީ ތާރު އެޅުމުގެ ގާބިލްކަން އެ ކުންފުނީގައި މިވަގުތު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ. އެ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެކު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

އާރުޑީސީގައި އަމިއްލަ އަށް ތާރު އެޅުމުގެ ގާބިލްކަން މިވަގުތު ނެތް ކަމަށް މުއްތަލިބް ވިދާޅުވިއިރު، އެއީ އެކި ރަށްރަށުގެ މަގުތައް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަގު ހަދާ މައި ކުންފުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާރުޑީސީއާ މަގު ހެދުމުގެ 37 މަޝްރޫއު ހަވާލުކުރި އެވެ. އޭގެ ތެރެއިން މަސައްކަތް ފެށި ބައެއް ރަށްތައް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެެވެ. ބައެއް ރަށްތަކުގައި ހޮޅިވަޅުލަން މަގުތައް ކޮނެ ބޮޑެތި ފަސް ފުނި ޖަހާ ހިސާބުން ވެސް މަސައްކަތް މެދުކެނޑިފައި ހުރި ކަމުގެ ޝަކުވާ ކުރި އެވެ.

އޭގެ ފަހުން މި ސަރުކާރުން ހަވާލުވުމަށް ފަހު ހުއްޓިފައިވާ ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް އާރްޑީސީން ބުނެފައިވެ އެވެ.

މި ފަހުން ވެސް މަގު ހެދުމާއި ބައެއް ރަށްރަށުގެ ހޮސްޕިޓަލާއި އިތުރު ބައެއް ޕްރޮޖެކްޓުތައް ހިންގުމަށް އާރްޑީސީއާ ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ އައްޑޫ ލިންކު ރޯޑުގެ 67.58 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއެވެ.

ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސްދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.