Roadha Mihaaru

"ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފި"

ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 އެޕްރީލް 2025

ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް ގޭސް އެތެރެކުރާ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވީ، ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެ މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މި ސަރުކާރު ހިންގާ ޕީއެންސީގެ އިސް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ. އޭނާ ވިދާޅުވީ، "ގެއްލުނު" ފައިސާ އަދި ރިކަވާ ކުރެވިފައި ނުވި ނަމަވެސް އެ މައްސަލާގައި އެސްޓީއޯ އިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެކަމަކު، މޯލްޑިވް ގޭހުގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ.

ގޭހަށް އޯޑަރުކޮށް، ދައްކަން ޖެހޭ ފައިސާއާ ގުޅޭ މުއާމަލާތުތައް ދެން ހިންގާނީ އެސްޓީއޯގެ ބެލުމުގެ ދަށުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ކަން އެގޮތަށް ކުރީ ގޭސް ގަތުމުގައި މޯލްޑިވް ގޭހުން އެހާ ބޮޑު އިހުމާލެއް ވެފައިވާތީ ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެކަމަކު، އެ މައްސަލާގައި އެސްޓީއޯ އިން އަދި ކޮމެންޓެއް ނުކުރެ އެވެ.

ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާ ދޫކުރީ ދިމާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެކަން ހައްލު ކުރުމަށް އެސްޓީއޯއިން މޯލްޑިވް ގޭހަށް ފުރުސަތު ދިން ނަމަވެސް، އަދި މިހާތަނަށް ދެއްކި ޕޭމެންޓު ރިކަވާއެއް ނުކުރެވެ އެވެ.

ނާޒިމް ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ ވެސް އޮކްޓޫބަރު މަހު ކަމަށެވެ. ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ގޭހުގެ ޝިޕްމެންޓުގެ 30 ޕަސެންޓެވެ.

ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ފައިސާ މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.