Roadha Mihaaru

ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ އަދިވެސް ނުހޯދޭ!

މޯލްޑިވް ގޭހަށް ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އަދިވެސް އެ ކުންފުންޏަށް ނުލިބޭކަން އެނގިއްޖެ އެވެ.

ގޭހުގެ އެޑްވާންސް 3.7 މިލިއަން އަދިވެސް ނުހޯދޭ!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 ޖޫން 2025

މޯލްޑިވް ގޭހަށް ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އަދިވެސް އެ ކުންފުންޏަށް ނުލިބޭކަން އެނގިއްޖެ އެވެ.

އެ ފައިސާ ހޯދުމާ ގުޅޭ ކަންކަން މޯލްޑިވް ގޭހުން ކުރަމުން އައި ނަމަވެސް 8 މަސް ފާއިތުވެ ދިޔައިރު ވެސް އެކަން އަދި ކާމިޔާބު ނުވާ ކަމަށް މައުލޫމާތު އެނގޭ އިސްބޭފުޅަކު މިއަދު ވިދާޅުވި އެވެ.

މި މައްސަލާގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް މިއަދު ގުޅުމުން ވެސް އަދި މެސެޖު ކުރުމުން ވެސް ވަކި ޖަވާބެއް ނުދެއްވާތީ އިތުރު އެއްވެސް މައުލޫމާތެއް ސާފެއް ނުވި އެވެ.

މައްސަލަ އާންމުންގެ ސަލާމުކަމަށް އައި ދުވަސްވަރު މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ގޭސް ގެންނަން ދުބާއީގެ ޖަކްޝާ އެނާޖީ އަށް ދެއްކި ޝިޕްމެންޓުގެ 30 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 3.7 މިލިއަން ރުފިޔާ ކަމަށް ލިބިފައި ނުވާތީ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ސަޕްލަޔަރާ އެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ އެހާތަނަށް އަނބުރާ ދީފައި ނުވާ ކަމަށް މޯލްޑިވް ގޭސްގެ އޮފިޝަލް މިިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވެ އެވެ.

މޯލްޑިވް ގޭހުން ބުނެފައި ވަނީ "މި މުއާމަލާތުގައި އެއްވެސް ހިޔާނާތެއް ހިނގާފައި ނުވާކަން ކުންފުނިން ކަށަވަރު ކޮށްދެން" ކަމަށެވެ.

އެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.

އޭނާ އޭރު ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ "ގެއްލުނު" އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އޭރު އޭސީސީން ވެސް ތަހުގީގު ކުރަން ފެށި އެވެ.

އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

މޯލްޑިވް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދު: ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ ބާރެއް މިހާރު ވަނީ ސީދާ އެސްޓީއޯ އަށް ނަގާފައި.--- ފޮޓޯ: އެސްޓީއޯ

މޯލްޑިވް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދު: ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ ބާރެއް މިހާރު ވަނީ ސީދާ އެސްޓީއޯ އަށް ނަގާފައި.--- ފޮޓޯ: އެސްޓީއޯ

އެ މައްސަލަ ފެންމަތިވި ފަހުން، މޯލްޑިވް ގޭހަށް ގޭސް ގެނައުމުގެ ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ ގޮތަށް އެ ކުންފުނީގެ ބޯޑުން ވަނީ އޭޕްރީލް 13 ގައި ފާސްކޮށްފަ އެވެ.

މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ރާއްޖެއިން އާންމުކޮށް، ގޭހުގެ އޯޑަރު ދެނީ ގެންނަ ކޮންމެ ޝިޕްމެންޓެއްގައި 1،000 ޓަނެވެ.