Roadha Mihaaru

ގޭސް ގެނައުމުގެ ކަންކަމާ އެސްޓީއޯއަކުން ނުބެހޭ، އެކަން ކުރަނީ ގޭސް ކުންފުނިން: އަބްދުﷲ

ގޭސް ގަތުމުގެ އެއްވެސް މަސްއޫލިއްޔަތެއް އެ ކުންފުނީގެ ދަށުން ނުނަގާ ކަމަށާއި ގޭސް ގެނައުމުގެ ހުރިހާ މަސައްކަތްތެއް ކުރަނީ މޯލްޑިވް ގޭހުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގޭސް ގަތުމާ އެސްޓީއޯއަކުން ނުބެހޭ: އަބްދުﷲ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

13 އެޕްރީލް 2025

ގޭސް ގަތުމުގެ އެއްވެސް މަސްއޫލިއްޔަތެއް އެ ކުންފުނީގެ ދަށުން ނުނަގާ ކަމަށާއި ގޭސް ގެނައުމުގެ ހުރިހާ މަސައްކަތްތެއް ކުރަނީ މޯލްޑިވް ގޭހުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވް ގޭހުން ގޭސް ގެންނަން ދުބާއީގެ ކުންފުނި، ޖަކްޝާ އެނާޖީއަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ނުލިބި ދިގުލައިގެން ދިޔަ މައްސަލައަށް ފަހު ގޭސް ގަތުމުގެ ކަންކަން ސީދާ އެސްޓީއޯ އިން ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވިޔަސް އަބްދުﷲ ވިދާޅުވީ، އެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ވާތީ، ކުންފުނި ހިންގުމުގެ ހުރިހާ ކަމެއް ވެސް ކުރަނީ މައި ކުންފުނީގެ އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން ޕްރޮކިއުއާ ކުރާ ހުރިހާ ކުންފުނިތަކާއި ހުރިހާ ކަމެއް އެސްޓީއޯއަކުން ނުބައްލަވާނެ. މިނިވަން ކުންފުންޏެއްގެ ގޮތުގައި މިތަން ހިނގަނީ،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ، އޭނާ މޯލްޑިވް ގޭހާ ހަވާލުވުމުގެ މާ ކުރިން، ކުރީ ސަރުކާރުގެ ދުވަސްވަރު، އެސްޓީއޯ މެދުވެރިކޮށް ގޭސް ގެންނަން ޖެހޭނެ ކަމަށް ބޯޑުން ފާސްކޮށްފައިވާ ނިންމުމެއް އޮތް ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ނިންމުމަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު އެގޮތަށް ބޯޑުން ނިންމާފައިވަނީ ގޭސް ޝިޕްމެންޓްތަކުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

"އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ހަވާލުވިފަހުން ހިނގާފައި އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޖަކްޝާ އެނާޖީއަށް ދެއްކި 3.7 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި، ގޭސް ޝިޕްމެންޓްގެ 30 ޕަސެންޓަށްވާ ފައިސާ އެވެ.

އަބްދުﷲ ވިދާޅުވީ މި މުއާމަލާތުގެ މައްސަލަ ބަލައި އޮޑިޓް ވެސް ކޮށްފައިވާ އިރު އެކަމުގައި އެއްވެސް މައްސަލައެއް ނެތްކަން ފާހަގަވާނެ ކަމަށެވެ.

އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ގާނޫނީ ފިޔަވަޅު އަޅައިގެން ކުރިއަށްދާ އިރު މި މަސް ނިމުމުގެ ކުރިން އެ ފައިސާ ދޭނެ ކަމަށް ޖާކްޝާ އެނާޖީ އިން މޯލްޑިވް ގޭހަށް އަންގާފައިވާ ކަމަށްވެ އެވެ.

މޯލްޑިވް ގޭހުން ކޮންމެ މަހެއްގެ ވެސް ގޭހުގެ ސްޓޮކް ގެންނަނީ، ލޮކްޑް މެއިލް މެދުވެރިކޮށް އިންޓަނޭޝަނަލް ބިޑިން ޕްރޮސެސްއެއްގެ ދަށުންނެވެ.