Roadha Mihaaru
އިކްރާމަށް ކުރާ ތުހުމަތު ބެލުން ކުންފުނީގެ ކޮމިޓީއަށް

އިކްރާމަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ބެލުން މޯލްޑިވް ގޭސްގެ ކޮމިޓީއަށް

16 ފެބުރުއަރީ 2021

އެސްޓީއޯގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ބެލުން އެ ކުންފުނީގެ ކޮމިޓިއަކާ އިއްޔެ ހަވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެސްޓީއޯގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ބެލުން އެ ކުންފުނީގެ ކޮމިޓިއަކާ އިއްޔެ ހަވާލުކޮށްފި އެވެ.

ކުންފުނި ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކްރާމްގެ މި މައްސަލަ ކުރިން ބެލީ މޯލްޑިވް ގޭސްގެ ބޯޑު މެމްބަރުން ހިމެނޭ ކޮމިޓީއަކުންނެވެ. އިކްރާމާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކިތަކަށް ބަލައި ކޮމިޓީން ވަނީ އޭނާ ދެ ހަފުތާއަށް ސަސްޕެންޑްކޮށްފަ އެވެ.

މި މުއްދަތު މި ހަފުތާގައި ހަމަވާއިރު މައްސަލަ ބެލުން މޯލްޑިވް ގޭސްގައި އޮންނަ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީން ކުރިއަށް ގެންދާގޮތަށް ނިންމުމުން ވިކްޓިމްގެ ހިތްހަމަނުޖެހުން އެބައޮތެވެ.

އިކްރާމްގެ ދަށުން މަސައްކަތް ކުރާ ތިން މުވައްޒަފަކު ހިމެނޭ ކޮމިޓީއަކުން ނުފޫޒެއް ނެތި އެ މައްސަލަ ބެލިދާނެ ކަމަކަށް ވިކްޓިމާއި އޮފީހުގެ ބައެއް މުވައްޒަފުން ވެސް ގަބޫލެއް ނުކުރެ އެވެ. ކުންފުނީގެ ކޮމިޓީއަށް ހުށަނާޅައި ބޯޑަށް މައްސަލަ ހުށަހެޅީ ވެސް އެހެންވެ އެވެ.

ތިން މެމްބަރުންގެ އެ ކޮމިޓީއަކީ އޮފީސް މާހައުލުގައި ހިންގާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލަން ގާނޫނުގެ ދަށުން އުފައްދާފައި އޮންނަން ލާޒިމްކުރާ ކޮމިޓީ އެވެ. މީގެ ބަދަލުގައި، ވިކްޓިމް ބޭނުން ވަނީ އިންޑިޕެންޑެންޓް ކޮމިޓީއަކުން މައްސަލަ ބަލާށެވެ.

"ސަސްޕެންޝަންގެ މުއްދަތު ހަމަވިއިރު ވެސް އެކަށީގެންވާ ގޮތެއްގައި މައްސަލަ ނުބެލި، ދެން އެ މައްސަލަ ބަލާނީ ކުންފުނީގެ ކޮމިޓީން ކަމަށް ބުނެ އެ ކޮމިޓީއާ ހަވާލުކުރުމުން ކަންބޮޑުވޭ. އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް ބިރުވެރި މާހައުލެއް ކުރިމަތިވާނެ ކަމަކަށް އެކަން ވާނީ،" އިކްރާމަށް ކުރާ ތުހުމަތާ ގުޅިގެން ވާހަކަ ދެއްކި ގޭސްގެ މުވައްޒަފަކު ނަން ނުޖަހަން އެދި ބުންޏެވެ.

އިކްރާމްގެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ދޮގުކުރައްވަމުން އިކްރާމް ވިދާޅުވެފައި ވަނީ އެއްވެސް މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައި ނުވާނެ ކަމަށެވެ. އޭނާއާ ދެކޮޅަށް މައްސަލައެއް އުފައްދާފައިވާ ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

އޭނާއާ ދެކޮޅަށް މޯލްޑިވްސްގެ ބޯޑަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރަސްމީ މަސައްކަތު ބައްދަލުވުމަކަށް ފަހު "ހާދަ ރީއްޗޭ،" އަދި "ވަރަށް މިސްވޭ"، "ބައްދާލަން ބޭނުންވާ ކަމަށް" ވިދާޅުވެ ގިނަ މެސެޖުތަކެއް ފޮނުވި ކަމަށެވެ. އެ ގޮތަށް މެސެޖު ކުރެއްވައްވައި ޒާތީ ދިރިއުޅުމުގެ ވާހަކަ އޮޅުންފިލުއްވުން ފަދަ އޮފީހުގެ މަސައްކަތަށް ދަތިވާ ވަރަށް ފުރައްސާރައިގެ އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުކުރި އެވެ.

އިކްރާމް އެ އަންހެން މުވައްޒަފަަށް ފޮނުވި ބައެއް މެސެޖްތައް ސޯޝަލްމީޑިއާގައި ވެސް ވަނީ އާއްމުވެފަ އެވެ.