Roadha Mihaaru
ޕީޖީގެ މަގާމަށް އައްބާސް ކުރިމަތިލައްވައިފި

ޕީޖީގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ކުރިމަތިލައްވައިފި

11 ސެޕްޓެމްބަރ 2024

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އަދި ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ކުރިމަތިލައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އަދި ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ކުރިމަތިލައްވައިފި އެވެ.

ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސް ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހަށް ފޯމް ހުށަހެޅުއްވީ މިއަދު އެވެ.

"މިހާރު" އަށް އައްބާސް ވިދާޅުވި ގޮތުގައި އެ މަގާމަށް ޝައުގުވެރިވާތީ، އެކަމަށް ކުރިމަތިލެއްވީ ކަމަށާއި މިހާތަނަށް އެކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތެއް އަންގަވާފައިނުވާ ކަމަށެވެ.

ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންނަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވަން ޖެހެ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތުގެ މިއަދު ހަމަވެފައިވާއިރު، މަޖިލީހުގެ ތަޅުމަށް ނަން އިއްވަން މިރޭ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ފަރާތުން މަޖިލީހަށް ފޮނުވަން ނިންމާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރެއްވި އައްބާސްގެ ނަމެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް އެހެން ބައެއް ބޭފުޅުން ވެސް ކުށުގެ ރެކޯޑް ސާފު ކުރެއްވި އެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް ބޭފުޅުން މަގާމަށް ކުރިމަތިނުލައްވާ ކަން ވަނީ އެނގިފަ އެވެ. މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު، ކުރިމަތިލެއްވީ ބޭފުޅުންގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.

ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އައްބާސް އަކީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލް ކަން ވެސް ކުރައްވައިފަ އެވެ.

އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހު 22 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީއިން އޭނާ ވަކި ކުރަން ނިންމުމާ އެކު އެވެ.

އޭރުގެ ޕީޖީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި ބުނީ ޕީޖީ އިސްތިއުފާ ދެއްވި ސިޓީ މަޖިލީހަށް ލިބިފައި ނުވާތީ އެވެ. އެކަމަކު ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.