Roadha Mihaaru
ޕީޖީ ޝަމީމް ވަކި ކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ

22 އޯގަސްޓް 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރި އެވެ. ސިއްރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޝަމީމަށް ޖަވާބުދާރީވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޝަމީމް ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމާފައިވާ ކަން އެ ކޮމިޓީގެ މެންބަރަކު ވަނީ "މިހާރު" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ. އަދި އެ މައްސަލަ ނިންމައި ކޮމިޓީގެ ރިޕޯޓް ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ކޮމިޓީގެ ނިންމުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ މިރޭ 9:00 އަށެވެ. މަޖިލީހުގެ މިއަދު މެންދުރު ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ ބާއްވާނެ ކަމަށެވެ.

ޖަލްސާގެ އެޖެންޑާ މިހާތަނަށް ހާމަ ނުކުރިޔަސް، ޕީޖީގެ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް މަޖިލީހުގެ ތަޅުމުގައި މިވަގުތު ނެތެވެ. އެހެންކަމުން ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް:

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.

- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.

- ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.

- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.

- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.

- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

ނަމަވެސް މި ހުރިހާ ތުހުމަތަކަށް އިންކާރު ކުރައްވާ ކަމަށާއި އެ ހުރިހާ ވާހަކައެއް ނުދައްކާ "ރީތިކޮށް ބުނި ނަމަ" ވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އަދި "އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން" ކަމަށާއި އެއީ މީގެ ކުރިން ޖަވާބުދީ ބާވެފައި ހުރި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައް ކޮށް މަޖިލީހުގެ ވަގުތު ނަގާލަން ނުޖެހޭނެ އެވެ.