Roadha Mihaaru
ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި

ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި

18 ސެޕްޓެމްބަރ 2024

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސްގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސްގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.

އައްބާސްއަށް މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސެއިން ޝަމީމްގެ އިސްތިއުފާއާ އެކު އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު، ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ރުހުން ދޭން ފާސްކޮށްފަ އެވެ. އޭނާއަށް މަޖިލީހުން ރުހުން ދިނީ މަޖިލީހުގެ 85 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާއާ އިންޓަވިއު ކުރުމަށް ފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިނީ 93.91 ޕަސެންޓް މާކްސް އެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުރިން ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރެއްވި އައްބާސް ވިދާޅުވީ އޭނާ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު ދަންނަވައިގެން ނޫނީ އިރުޝާދު ދީގެން ނޫން ކަމަށެވެ.

އައްބާސް ވިދާޅުވީ އޭނާ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރި ފަސް އަހަރުގެ ތެރޭގައި ސިޔާސީ އަދި ކުށުގެ ބޮޑެތި މައްސަލަތައް ބަލާފައި ހުންނާނެ ކަމަށާއި އެ މައްސަލަތައް ބެލިއިރު އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެކަމަކު އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ބަލާފައިނުވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އައްބާސް އަކީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވެފައިވާ ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލް ކަން ވެސް ކުރައްވައިފަ އެވެ.

އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އޭނާ ވަކިކުރަން ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.

ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި މަޖިލީހުން ބުނީ ޝަމީމް އިސްތިއުފާ ދެއްވި ސިޓީ ލިބިފައި ނުވާތީ ކަމަށެވެ. އެކަމަކު ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.