Roadha Mihaaru
އަދުލުގެ ނިޒާމާބެހޭގޮތުން އޭޖީ އާއި ޕީޖީ މަޝްވަރާކޮށްފި

ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން އޭޖީ އާއި ޕީޖީ މަޝްވަރާ ކުރައްވައިފި

19 ސެޕްޓެމްބަރ 2024

އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި އައްބާސް ޝަރީފް މިއަދު ބައްދަލު ކުރައްވައި، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި އައްބާސް ޝަރީފް މިއަދު ބައްދަލު ކުރައްވައި، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށް އާ ޕީޖީ އައްބާސް ގެންގުޅުއްވާ ވިސްނުން ވެސް ހާމަ ކުރެއްވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީގެ މަގާމުގެ ޒިންމާތައް އަދާ ކުރެއްވުމުގައި، ތެދުވެރިކަމާ އެކު ދެމިހުންނެވުމަށް އައްބާސްއަށް އޭޖީ އުޝާމް ހިތްވަރު ދެއްވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އައްބާސް އަކީ ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ބޮޑެތި ގިނަ މައްސަލަތަކެއްގައި ވަކީލެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

އެގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލް ކަން ވެސް އޭނާ ކުރެއްވި އެވެ.

އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އޭނާ ވަކިކުރަން ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.

ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި މަޖިލީހުން ބުނީ ޝަމީމް އިސްތިއުފާ ދެއްވި ސިޓީ ލިބިފައި ނުވާތީ ކަމަށެވެ. އެކަމަކު ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.