ނަސަންދުރާ ޕެލަސް ހޮޓެލްގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ ކުންފުންޏާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަނޑައަޅައި ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމުން އެ މައްސަލަ އަނބުރާ ފޮނުވާލީ އެއްބަސްވުން ސައްހަ ކަމަށް އޭރުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
20 ޖޫން 2019
ނަސަންދުރާ ޕެލަސް ހޮޓެލްގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ ކުންފުންޏާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަނޑައަޅައި ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމުން އެ މައްސަލަ އަނބުރާ ފޮނުވާލީ އެއްބަސްވުން ސައްހަ ކަމަށް އޭރުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އޭރުގެ ބަންޑާރަ ނައިބަކަށް ހުންނެވީ މުހައްމަދު އަނިލް އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުން އަނިލްގެ އަޑެއްބަޑެއް ނީވެ އެވެ. މި މައްސަލައާ ގުޅޭ ގޮތުން ބަހެއް ހޯދަން "މިހާރު" އިން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ނަސަންދުރާ 2010 އިން ފެށިގެން ހިންގީ ޔާމީންގެ ޅިޔަން، އެކަމަކު މިހާރު އަވަހާރަވެފައިވާ އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިންނެވެ. އެ ބިން 2015 ގައި އެމްއެމްޕީއާރުސީގެ ދަށަށް ބަދަލޮށް، ކުރީގެ އެއްބަސްވުން އުވާލައި، ހަމަ އެ ދުވަހު މަނިކުގެ އެހެން ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓާ އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއް ހެދި އެވެ.
މި މުއާމަލާތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގުކޮށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން "ދައުވާ ކުރެވެން ނެތް ކަމަށް" ބުނެ އަނބުރާ ފޮނުވާލީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީގެ މެމްބަރުން އިއްޔެ ހާޒިރުކުރުމުން، އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ޕީޖީން ދައުވާ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި ނަސަންދުރާ މައްސަލަ ހިމެނުމަކީ މެމްބަރުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެ މައްސަލަ ޕީޖީ އާއިޝަތު ބިޝާމް އަނބުރާ ފޮނުވާލެއްވި ސަބަބު އޭސީސީ އަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ސަބަބު އޭނާ ވިދާޅެއް ނުވެ އެވެ.
ނަސަންދުރާގެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ދެ ބޭޅުންނަށެވެ. އެއީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީޖީން އެ ޚިޔާނާތުގައި ދައުވާކޮށް ނުދިން ސަބަބެއް ކަމަށް އޭސީސީ އަށް އަންގާފައި އޮތީ، އެންޕީއެޗަށް ނަސަންދުރާ ހަވާލުކުރި އެއްބަސްވުން ސައްހަ ކަމަށް އޭރުގެ ބަންޑާރަ ނައިބު އަނިލް، ޓޫރިޒަމް މިނިސްޓްރީ އަށް ލަފާދެއްވާފައި އޮތުމެވެ.
ޕީޖީ އޮފީހުން ވެސް ބުނިގޮތުގައި އަދީބުގެ މައްޗަށް ދައުވާނުކުރީ ނަސަންދުރަ އެންޕީއެޗަށް ދިނީ ޓޫރިޒަމް ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުންނެވެ. ޒިޔަތުގެ މައްޗަށް ދައުވާކުރަން ފޮނުވި އިކުއިޒިޝަން ކޮސްޓުގެ މައްސަލައިގައި ދައުވާ ނުކުރީ، އިކުއިޒިޝަން ކޮސްޓު ނަގަން ޖެހޭ ކަމަށް އޭރު އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ސަބަބާ އެކު، ދައުވާނުކުރި ނަމަވެސް އެ މުއާމަލާތުން ޚިޔާނާތްވި ގޮތް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ އާއްމުކޮށްފަ އެވެ.
ނަސަންދުރަ ހަދާ ނިމުމުން ބޭރުން ފެންނަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.
އޭސީސީން ބުނިގޮތުގައި ނަސަންދުރާގެ އެއްބަސްވުން އުވާނުލައި މުއްދަތު އިތުރުކުރި ނަމަ ދައުލަތަށް 4،800،000 މިލިއަން ޑޮލަރު (74 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އެއްބަސްވުން ބާތިލްކުރި އިރު ސަރުކާރުގެ ވިސްނުމަކީ ނަސަންދުރާ ހުރި ބިމާއި 26 ނަމްބަރު ކޮށި ހިމެނޭ ގޮތަށް ކޮންވެންޝަން ފެސިލިޓީތަކާ އެކު ހޮޓަލެއް ތަރައްގީ ކުރުމެވެ.
އެހެންކަމުން އެ ދެ ބިން އެއްކޮށްލައިގެން ބީލަމަށް ލި ނަމަ ދައުލަތަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް އޭސީސީން ބުންޏެވެ.
ނަސަންދުރަ 50 އަހަރަށް އެންޕީއެޗާ ހަވާލުކުރީ އިއުލާން ނުކޮށެވެ.
މިއީ ޓޫރިޒަމާ ބެހޭ ގާނޫނުން މަނާ ކަމެއް ކަން ފާހަގަކޮށްފައިވެ އެވެ. އަނެއް ކަމަކަށް އޭސީސީން ފާހަގަކޮށްފައި އޮތީ، އިކުއިޒިޝަން ކޮސްޓް ނުނެގުމެވެ. މީގެ ސަބަބުން ދައުލަތަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ)ގެ ގެއްލުން ލިބުނު ކަމަށް އޭސީސީން ބުންޏެވެ.
އެކުއިޒިޝަން ކޮސްޓުގެ ބަދަލުގައި އެންޕީއެޗާ އެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވެފައި އޮތީ ނަސަންދުރާ ހުރި ބިމުގައި އެ ކުންފުނިން އެންމެ މަދުވެގެން 100 ކޮޓަރި އާއި 100 އެޕާޓްމެންޓް އިމާރާތް ކުރުމަށެވެ. އަދި ހަފުލާތަކާއި ބައްދަލުވުންތައް ބާއްވާނެ ސެންޓަރަކާއި ބެންކުއެޓިން ހިދުމަތް ގާއިމްކޮށް އެތަންތަން ބޭނުން ކުރަން ސަރުކާރަށް ހާއްސަ ޑިސްކައުންޓް އަގެއްގައި ދޭން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި އޮވެ އެވެ. އެކަމަކު މިއީ އެކުއިޒިޝަން ކޮސްޓާ އަޅާބަލާއިރު އެކަށީގެންވާ ޚިދުމަތްތަކެއް ނޫނެވެ.
އޭސީސީން ބުނިގޮތުގައި އެކުއިޒިޝަން ކޮސްޓް ނެގި ނަމަ ދައުލަތަށް މާ ބޮޑު ފައިދާއެއް ލިބޭނެ ކަން ތަހުގީގަށް ފާހަގަކުރެވެ އެވެ. އެކަމުގައި ދައުވާ ކުރަން ފޮނުވީ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭސީސީގެ އިތުރުން އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް ނަސަންދުރާގެ އެއްބަސްވުމުގައި ހުރި މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކައި އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން ލަފާ ދީފައި ވަނީ އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށެވެ.
މި ސަރުކާރުން އަންނަނީ ނަސަންދުރާގެ އެއްބަސްވުން ދިރާސާ ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން ބަލަން ޖެހޭ ބެލުންތައް މިހާރު ވަނީ ބަލައިފަ އެވެ. އެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމަން ޖެހޭނީ ޕޮލިސީ ލެވެލްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނަސަންދުރާގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް ދަނީ ކުރިއަށެވެ. އެއީ މާލޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު އިމާރާތެވެ.
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
އޭސީސީން ފޮނުވާ މައްސަލަތައް ޕީޖީ އޮފީހުގައި 3 މަސް!
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ