ފެނަކަ ކޯޕަރޭޝަނުން އައިސްޕްލާންޓުތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެ ކުންފުނީގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
14 އެޕްރީލް 2025
ފެނަކަ ކޯޕަރޭޝަނުން އައިސްޕްލާންޓުތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެ ކުންފުނީގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ މި މައްސަލާގައި ދައުވާ ކޮށްދޭން އެދި ފޮނުވީ ސައީދުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ކަމަށެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ކުރަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓު ގަތުމުގައި ފެނަކައިގެ އުސޫލުތަކާ ހިލާފަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ކަމަށް އޭސީސީން ބުންޏެވެ.
އެ އައިސްޕްލާންޓު ފެނަކައިން ގަނެފައިވަނީ އޭސީސީން ބުނިގޮތުގައި، އެއީ ކުންފުންޏަށް ގެއްލުން ވާނެ ޕްރޮޖެކްޓެއް ކަމަށް ބޯޑުން ނިންމާފައިވަނިކޮށް އެކަން އެނގި ތިއްބަވައި އަދި އެ ރަށުގައި އިތުރު އައިސްޕްލާންޓެއް އެޅުމަށް ނިންމާފައިވަނިކޮށް، ކުންފުނީގެ ބޯޑަށް ސައީދު ދޮގު މައުލޫމާތު ދެއްވައިގެންނެވެ.
އޭސީސީން ބުނީ، ފެނަކައިން އަޅާފައިވާ އައިސްޕްލާންޓް ފެނަކައިން ގަތުމުން، މިނިސްޓްރީގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވާނެ ކަމަށް ވިދާޅުވެ، ސައީދު ދޮގު މައުލޫމާތު ދެއްވި ކަމަށެވެ.
އައިސްޕްލާންޓު ގަތުމަށް ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހެޅުއްވީ މާކެޓް ވެލިއު އަށް ވުރެ މަތީ އަގެއް ކަމަށާއި އެ އަގު ކަނޑައަޅާފައިވަނީ މަކެޓު ވެލިއު އަށް ބެލުމެއް ނެތި، އައިސްޕްލާންޓު އެޅި ކުންފުނިން ހުށަހެޅި އަގު ބޭނުންކޮށް އޮޅުވާލަފައިގެން ވެސް ހާމަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ސައީދާއި މަސްއޫދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހެޅީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެން އޭސީސީން ކުރާ ތަހުގީގަށް ސައީދުގެ ޕާސްޕޯޓު އޮތީ މިހާރު ވެސް ހިފަހައްޓައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު، ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް ކުރި އެވެ. ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެނަކައިގެ މުވައްޒަފުން ވެސް އޭސީސީ އަށް ހުށަހެޅި އެވެ.
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާގެ މައްސަލަ ޕީޖީއަށް