Roadha Mihaaru
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމާނެ: ޕީޖީ

26 ފެބުރުއަރީ 2023

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށް، ފައިސާ ދޫކުރުމުން ވެސް އެ ތަކެތި ނުލިބުނު މައްސަލާގައި އެކި ސަބަބުތަކާ ހެދި ދައުވާ ނުކުރެވި އޮތީ ލަސްވެފަ އެވެ. ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިން ޕީޖީ އޮފީހަށް ފޮނުވިޔަސް، އެ އޮފީހުން އޭރު ނިންމީ ހެކި ނެތުމުން ދައުވާ ނުކުރުމަށެވެ.

އެކަމަކު ޕީޖީން ފާހަގަކުރި ކަންކަން އިސްލާހު ކުރުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭސީސީން އަނެއްކާވެސް ވަނީ އެ މައްސަލަ ޕީޖީއަށް ފޮނުވައިފަ އެވެ. މި ފަހަރު ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށެވެ. އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ ލަސްވެފައި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު ދައުވާ ކުރުމާ މެދު މި ހަފުތާގައި އެ އޮފީހުން ކޮންމެވެސް އެއް ގޮތެއް ނިންމާނެ ކަމަށެވެ.

"ލަސްވެފައި އޮތީ. މި ހަފުތާގައި އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން،" ޝަމީމް ވިިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ކުރިން ނެރުއްވި ރިޕޯޓުގައިވާ ގޮތުން ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކުރީ އެ ކުންފުނީގެ ގާބިލް ކަމަށް ބެލުމެއް ނެތި މާލިއްޔަތު ގަވާއިދާ ހިލާފަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެ މައްސަލާގައި ހެލްތް މިނިސްޓްރީގެ ސިޔާސީ ބޭފުޅުންތަކެއް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.