Roadha Mihaaru
ޝަމީމްގެ މައްސަލައެއް އޭސީސީ އަށް

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ޕީޖީގެ މައްސަލަ އޭސީސީ އަށް

07 އެޕްރީލް 2021

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

ޕީޖީ ޝަމީމްގެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަދި މާލޭގެ މޭޔަރު ކަމަށް އިދިކޮޅުން ވާދަކުރައްވާ، ޑރ. މުހައްމަދު މުއިއްޒުގެ ދެބެއިންގެ ދެދަރި، އަހުމަދު ގާލިބް އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ އޮންލައިން ނޫހެއްގެ ކޮލަމިސްޓެއްގެ ގޮތުގައި ޕީޖީ ޝަމީމް، މި މަހުގެ ފަސް ވަނަ ދުވަހު ލިޔުމެއް ލިޔުއްވާފައިވާ ކަމަށާއި އޮންލައިން ނޫހެއްގައި ކޮލަމިސްޓެއްގެ ގޮތުގައި ޕީޖީ ލިޔުއްވުމަކީ އޭގެ ބަދަލެއްގެ ގޮތުގައި ފައިސާ ނުވަތަ މުދަލެއް ނުލިބުން ނަމަވެސް، އޮންލައިން ޕްލެޓްފޯމް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބޭ ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގެ 222 ވަނަ މާއްދާގެ ރޫހާ ވެސް ހިލާފުކަމެއް ކަމަށް އޭނާ ބުނެފައި ވެ އެވެ.

ހުށަހެޅި މައްސަލާގައިވާ ގޮތުން ރާއްޖޭގައި އޮންލައިން އެތައް މީޑިއާއެއް ހަރަކާތްތެރިވަމުން އަންނައިރު މީޑިއާތައް ހިންގަނީ ލިބޭ ސްޕޮންސާތަކެއްގެ މައްޗަށް ބަރޯސާވެގެންނެވެ. އަދި އަލަށް ވުޖޫދުވި އޮންލައިން ނޫހެއް ލޯންޗުކުރިތާ 48 ގަޑިއިރު ތެރޭގައި ޕީޖީ އެ ނޫހުގެ ކޮލަމިސްޓެއް ގޮތުގައި ތައާރަފުވެ ލިޔުއްވުމަކީ ވިޔަފާރީގެ އުސޫލުން މަސައްކަތްކުރާ އަދި ވާދަވެރި ވަކި މީޑިއާއަކަށް މަގާމުގެ ހައިސިއްޔަތުން ނާޒާއިޒް މަންފާ ހޯދައިދިނުމަށް ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ބުނެފައި ވެ އެވެ.

އެހެންވެ، ގާލިބް އެދިފައި ވަނީ ޝަމީމްގެ އެ އަމަލު އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކޮށް، ޝަމީމްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ދިނުމަށެވެ. އަދި މައްސަލަ ނިމެންދެން ޝަމީމް ޕީޖީގެ މަގާމުން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ވެސް ވަނީ އެދިފަ އެވެ.

މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ މަންފާއެއް ހޯދައިދޭން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށް، ޝަމީމްގެ މައްސަލައެއް އޭސީީސީ އަށް ހުށަހަޅާފައިވާއިރު ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ދައުވާނުކުރަން ނިންމި ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޝަމީމަށް އަމާޒުވެފަ އެވެ. އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ ޝަމީމް އާއި އޭސީސީގެ ރައީސާ، މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓަށް އަހަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.