Roadha Mihaaru
ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނޭ: ނަޝީދު

ޕީޖީ އާއި އޭސީސީގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނޭ: ނަޝީދު

26 މާޗް 2021

ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވާފައިވާއިރު، އޭނާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވާފައިވާއިރު، އޭނާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭސީސީން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފަ އެވެ.

ޕީޖީން ވަނީ، ވެންޓިލޭޓަރުތައް ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރާނެ އިއްޔެ އޭސީސީއަށް އަންގައިފަ އެވެ. އޭސީސީން ލިބުނު އާ މައުލޫމާތަށް ފަހު ވެސް ދައުވާ ނުކުރަން ނިންމީ، ކުރިން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕީޖީން ބުނެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައި ޕީޖީ ޝަމީމާއި އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވުމުން، އެކަމަށް ބައެއް މެމްބަރުން ތާއީދުކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މައްސަލަ މުރާޖައާކުރަން އެންގުމުން އެކަމަށް ބޭނުންވާ އިތުރު ތަފްސީލު ހޯދުމަށް ޕީޖީ އޮފީހުން ފުލުހުންނަށާއި އޭސީސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މުއައްސަސާތަކުން ފޮނުވި މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އެ ކޮމިޓީގައި ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ވަރަށް އަވަހަށް ނިންމާނެ ކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ފަހުން ބުނީ އޭސީސީން ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ބެލިއިރު، އާ މައުލޫމާތާއި އެކަމާ ގުޅިގެން ކުރިން ހޯދި ހެކި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ އާއި މައްސަލައިގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެ ގޮތުގައި ދެމިއޮތްކަމަށް ފެންނާތީ، ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލު ނުގެންނަން ނިންމާފައިވާ ކަމަށެވެ.