Roadha Mihaaru
ވެންޓިލޭޓަރުތަކުގެ މައްސަލަ: އޭސީސީގެ ނިންމުން ފޮނުވަނީ

ވެންޓިލޭޓަރުތަކުގެ މައްސަލަ: ޕީޖީ އެދުނު ކަންކަމުގައި އޭސީސީގެ ނިންމުން ފޮނުވަނީ

26 ޖެނުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ނިންމަވައި ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އެދިވަޑައިގަތް ކަންކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނިންމުން ދެ ހަފުތާ ތެރޭގައި ފޮނުވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ނިންމަވައި ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އެދިވަޑައިގަތް ކަންކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނިންމުން ދެ ހަފުތާ ތެރޭގައި ފޮނުވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏާ ހެލްތު މިނިސްޓްރީން ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން ތަހުގީގުން ސާބިތުވާ ކަމަށް ބުނެ އޭސީސީން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދުނެވެ. އެކަމަކު ޕީޖީ ނިންމެވީ އޭރު ހުށަހެޅި މައްސަލަތަކުގައި ދައުވާކުރާނެ ހެއްކެއް ނެތް ކަމަށެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައި ޕީޖީ އަށް ލަފާ ދިނީ ދައުވާ ނުކުރަން ނިންމެވި ނިންމެވުން މުރާޖައާ ކުރަން ފެންނަ ކަމަށެވެ. މުއައްސަސާތަކާ އެކު، މައްސަލަ މުރާޖައާކުރަން ފެށިކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ޕީޖީ އެދިވަޑައިގަތް ކަންކަމާ ގުޅިގެން އޭސީސީން ބަލަން ޖެހޭ ކަންކަން ފުލުހުންނާ އެކު ބަލަމުން އަންނަ ކަމަށެވެ. އެ އަށް ފަހު ކޮމިޝަންގެ ނިންމުން ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ދައުވާ ނުކުރަން ނިންމަވައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ ކަމަށެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވެފައިވާ ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނު ކަން ސާބިތު ކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލު ކުންފުންޏެއްތޯ ނުބަލައި ހަވާލު ކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން ދުބާއީގެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓު، 30 މިލިއަން ރުފިޔާ، ދިނުން ހިމެނެ އެވެ.

އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.

އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2، 2020 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް އެންމެ ފަހުގެ އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް އެ މިނިސްޓްރީ އަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ. އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވީ ބައެއް އާލާތްތައް މަދުކޮށެވެ.