Roadha Mihaaru
ރޭސިންއަށް ތިލަފުށިން ބިމެއް ހޯދައިދޭން ހައުސިން އަށް

ރޭސިންއަށް ތިލަފުށިން ބިމެއް ހޯދައިދޭން ހައުސިންގައި އެދިއްޖެ

10 ސެޕްޓެމްބަރ 2024

ރޭސިން އަށް ތިލަފުށިން ބިމެއް ދިނުމަށް އެދި ހައުސިން މިނިސްޓްރީ އަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރޭސިން އަށް ތިލަފުށިން ބިމެއް ދިނުމަށް އެދި ހައުސިން މިނިސްޓްރީ އަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު، ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން ޒުވާނާ މަރުވި ހާދިސާއާ ގުޅިގެން، ރޭސިން އާއި ޑްރިފްޓިންގެ ހަރާކްތްތައް ހުޅުމާލެގައި ކުރިއަށް ގެންދިއުމަށް ދީފައި އޮތް ހުއްދަ ސަރުކާރުން ވަނީ ބާތިލުކޮށްފަ އެވެ.

ރާފިއު ވިދާޅުވީ ރޭސިން އާއި ޑްރިފްޓިން ދެ އެސޯސިއޭޝަންގެ ކަންބޮޑުވުންތައް އޮޅުފިލުވުމަށް އެ ދެ އެސޯސިއޭޝަނުގެ އިސްވެރިންނާ އޭނާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ރޭސިން އަށް ބޭނުން ކުރާ ތަންތަނަކީ ސިއްހީ އަދި ސަލާމަތީ ރައްކާތެރިން އެންމެ ރަނގަޅަށް ހުރި ތަންތަން ތޯ ދެނެގަތުމުގެ މަޝްވަރާތައް ވެސް އެ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކަމަށް ރާފިއު ވިދާޅުވި އެވެ.

"އެކަންކަން ބެލުމަށްޓަކައި އަޅުގަނޑުމެންގެ ޓީމެއް ވަނީ ހަމަޖައްސާފައި. އެ ބާއްވާ އެކްޓިވިޓީއަކީ، ކޮންމެ ކުޅިވަރެއް ވިޔަސް، އެ ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް ވެސް އަދި އެ ކުޅިވަރު ކުޅޭތަން ބައްލަވަން ދާ ބޭފުޅުންނަށް ވެސް ސޭފް އެންވާރްމެންޓަކަށް ވާން ޖެހޭނެ. ސޭފް ތަަނަކަށް ވާން ޖެހޭނެ،" މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާފިއު ވިދާޅުވި އެވެ.

"އެހެންވީމަ އެގޮތުގެ މަތިން އެކަން ކުރުމަށްޓަކައި ކުރެވެން ހުރީ ކޮންކަމެއް ތޯ ބެލުމަށް އެ މީޓިން ބޭއްވީ."

މާލެ ސަރަހައްދުގައި ރޭސިން އާއި ޑްރިފްޓިން އަށް ޓްރެކެއް އެޅުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރާފިއު ވިދާޅުވީ އެ ކަމަށް ހަމަޖައްސަން ޖެހޭ ބިން ލިބުނުހާ އަވަހަކަށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ލޭންޑް އެލޮކޭޓް ކުރުމަށްޓަކައި ހައުސިން މިނިސްޓްރީ އަށް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ވާނީ ސިޓީއެއް ފޮނުވާފައި،" ރާފޮއު ވިދާޅުވި އެވެ.