Roadha Mihaaru

އަލިފާނުގެ ހާދިސާއާއި ބިންވެރިޔާ ގޯތީގެ މައްސަލައާ ގުޅުމެއް އަދި ފާހަގައެއް ނުވޭ: ފުލުހުން

މިދިޔަ ހަފްތާގެ ބުރާސްފަތި ހިނގި އަލިފާނުގެ ހާދިސާއާއި ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ފާހަގަނުވާ ކަމަށް ޕޮލިހުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާއާއި ގޯތިތަކުގެ މައްސަލައާ ގުޅުމެއްނެތް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 ޑިސެމްބަރ 2024

މިދިޔަ ހަފްތާގެ ބުރާސްފަތި ހިނގި އަލިފާނުގެ ހާދިސާއާއި ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ފާހަގަނުވާ ކަމަށް ޕޮލިހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ޖެހިގެން ހުރި ގްރީން ބިލްޑިންގުގައި ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީ އަށް ފެތުރި ބޮޑު އަލިފާނުގެ ހާދިސާއަކަށް ބަދަލުވީ އެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާ-- ފޮޓޮ: މިހާރު

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާ-- ފޮޓޮ: މިހާރު

ނުހައްގުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލައިގެ ހެކިތައް ނައްތާލުމަށް ހައުސިން މިނިސްޓްރީގެ ގަސްދުގައި ރޯކޮށްލީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ތުހުމަތު ކުރެވެމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގޯތިތަކުގެ މައްސަލައާ އަދި ގުޅުވެން ނެތް ކަމަށެވެ.

"އަދި އަޅުގަނޑުމެން ބޭނުންވާ ޑޮކިއުމެންޓެއް ހޯދުމަށް ޓަކައި ކުރާ މަސައްކަތުގެ ތެރޭގައި އަދި އެކަމާ ގުޅިގެން ޑޮކިއުމެންޓެއް ނުލިބޭނެ ކަމަށް ވެސް އަދި ފާހަގަ ކުރެވިފައެއް ނެތް،" އަލިފާނުގެ ހާދިސާގައި ގޯތީގެ ތަހުގީގާ ގުޅޭ އެއްވެސް ލިޔުމެއް ގެލިފައިވޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ މައްސަލާގައި ބޭނުންވި ހުރިހާ މައުލޫމާތެއް މިހާތަނަށް ލިބިފައިވާ ކަމަށާއި އަދި އެޗްޑީސީން ވެސް ހެކި ނައްތާލުމުގެ އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަ ނުވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހުޅުމާލޭގެ ތިން ލޮޓެއްގައި މައްސަލަ ހުރި ކަން ފާހަގަވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފޯޖަރީގެ މި މައްސަލައަށް ހޯދޭ ހޯދުންތަކުގެ އަލީގައި މި ތަހުގީގު އިތުރަށް ފުޅާކޮށް، އިތުރު ފަރާތްތަކާ ސުވާލުކޮށް، މި ކަމުގައި އިތުރު ބިންތަކާއި ފްލެޓުތައް ހިމެނޭތޯ ވެސް ފުލުހުން ބަލާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރެޖިސްޓްރީއެއް ހަދައިފަ އެވެ.

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ފަޒުލް ސަސްޕެންޑްކޮށް އަދި ބޯޑުން ވެސް، އެންމެ ފަހުން ޗެއާމަން ކަމަށް އައްޔަންކުރި އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ ބޭފުޅުން މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ބޯޑު ސަސްޕެންޑްކޮށްފައި ވާއިރު އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.