ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ފޯޖުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
19 ޑިސެމްބަރ 2024
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ފޯޖުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އެ މައްސަލާގައި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުން މައްސަލަ ތަހުގީގު ކުރަން ފެށީ ލިޔެކިޔުންތައް ސައްހަތޯ ބެލުމަށް ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ލިޔުން ހޯދުމަށް ބިން ލިބުނު ފަރާތްތަކުން ހުށަހަޅަމުން އަންނަ އިރު އެ ލޮޓްތަކުގެ މައްސަލައިގައި އިތުރު ކަންކަން ފާހަގަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ ފަރާތްތަކުގެ ތެރެއިން ތިން ލޮޓެއްގެ މި ފަދަ މައްސަލައެއް ތަހުގީގުން ފާހަގަވެފައިވޭ. ބައެއް ލޮޓްތަކާ ގުޅިގެން އިމާރަތް ކުރުމުގެ ހުއްދަ ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ލިޔުން ހުށަހަޅާފައި ވޭ. ލިޔުން ހުށަހަޅާފައިވާ އިރު، އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުގެ ނަމުގައި ލިޔުން ހުށަހަޅާފައިވާ ކަން ވެސް ވަނީ ފާހަގަވެފައި،" ޝަރީފް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލާގައި ޕޮލިހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
އޭނާ ވިދާޅުވީ މިހާރު ލިބިފައި ހުރި ލިޔެކިޔުންތަކަކީ އޭރުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ ނަމުގައި ހަދާފައިވާ ލިޔުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި ސެޕްޓެމްބަރު 11، 2023ގައި ވެސް ސޮއި ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އެ ލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭކަން އެޗްޑީސީގެ ސަމާލުކަމަށް އައީ އެއް ބިމަކަށް އެކަކަަށްވުރެ ގިނަ މީހުން ހުއްދަ ހޯދަން އެދި ހުށަހެޅުމުން ކަމަށާއި، އެ މައްސަލަ ފެންމަތިވުމާއެކު އެ ބިންތަކުގައި މަސައްކަތްކުރަން ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ.
"ތަހުގީގުގައި ހުރިހާ ފަރާތްތަކުން ވެސް ބުނެފައި ވަނީ މި ޑޮކިޔުމަންޓް ތަކަކީ މިދިޔަ ސަރުކާރުން އެ ބޭފުޅުންނަށް ހަވާލު ކޮށްފައިވާ ޑޮކިޔުމަންޓް ތަކެކޭ. އަޅުގަނޑު ނުބުނަން މިއީ ސައްހަ އެއްޗެކޭ ވެސް. ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އެ ބިންތަކުގެ މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގުގައި ހަ މީހަކާ ސުވާލުކޮށްފައިވާ އިރު އޭގެތެރޭގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއް ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގު މިހާރު ކުރިއަށް ގެންގޮސްފައިވާ އިރު ފާހަގަ ކުރެވުނު ކަންކަމުން އިތުރަށް ތަހުގީގު ފުޅާ ކުރަން ޖެހިފައިވާ ކަން ފާހަގަކޮށް ފުލުހުން މިރޭ ބުނީ އެޗްޑީސީއާއި ހައުސިން މިނިސްޓްރީގައި ކުރީ ދައުރުގައި އާއި މި ދައުރުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މި ކަމާ އެއްވެސް ގުޅުމެއް ހުރިތޯ ބަލާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލާގައި ޕޮލިހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
ފުލުހުން އެހެން ބުނެފައި ވާއިރު، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި، އޭނާއަށް ވަނީ ގޯތީގެ ރަޖިސްޓްރީއެއް ހަދައިފަ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ފަޅާއެރީ އިއްޔެ އެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވުމުން ފުލުހުން ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި، އެ ކުންފުނީގެ ބޯޑު އެއްކޮށް މިއަދު ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ފަޒުލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމުން ފަޒީލް ވެސް މިއަދު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް، ފުލުހުން ވަނީ އެ މައްސަލަ ވެސް ތަހުގީގުކުރަން ފަށައިފަ އެވެ.
އަދި އެ މައްސަލަ އޭސީސީން ވެސް ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ.
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ލިޔުން ދިނީ ކުރީގެ ސަރުކާރުން ކަމަށް ބުނޭ: ފުލުހުން
ފަޒުލް އަށް އަދި އެއްވެސް ތުހުމަތެއް ނުކުރަން: ފުލުހުން
ފަޒުލް ހިމެނޭ ގޮތަށް އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި
ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި
ފަޒުލް ގެއިން ފެނުން ފައިސާއާ ބަޔަކު ހަވާލުވެއްޖެ!
ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނު