Roadha Mihaaru

ބިންވެރިޔާ ސްކީމުގެ މައްސަލަތައް އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކާ ގުޅޭ ގޮތުން އޮޑިޓެއް ހަދައި، އެ އިން ފާހަގަވި މައްސަލަތައް ބަލައިދިނުމަށް އެދި އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ބިންވެރިޔާ ސްކީމުގެ މައްސަލަތައް ފުލުހަށް ހުށަހަޅައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 މާޗް 2025

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކާ ގުޅޭ ގޮތުން އޮޑިޓެއް ހަދައި، އެ އިން ފާހަގަވި މައްސަލަތައް ބަލައިދިނުމަށް އެދި އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދޫކޮށްފައިވާ ބިންތަކުގައި އިމާރާތް ކުރުމުގެ ހުއްދަ އަށް އެދެމުން އަންނައިރު އެއް ބިމެއްގައި އިމާރާތް ކުރުމަށް އެކަކަށް ވުރެ ގިނަ ބަޔަކު އެދޭ ކަމަށެވެ.

އެކަން އެޗްޑީސީގެ ސަމާލުކަމަށް އައުމާ ގުޅިގެން އިތުރަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހާއްސަ އޮޑިޓެއް ވެސް ވަނީ ހަދައިފަ އެވެ. އެ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް އޮޑިޓުން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ ކުރިމަގުގައި ވެސް އެފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި އަބަދުވެސް ބަލާނީ އެޗްޑީސީން ދޭ ހިދުމަތްތައް ނަޒާހާތްތެރިކަމާ އެކު ފޯރުކޮށްދިނުމަށް ކަމަށެވެ.

އެއް ބިމެއްގައި އިމާރާތް ކުރުމަށް އިތުރު އެހެން ފަރާތްތަކުން ވެސް ހުއްދައަށް އެދެމުން އަންނައިރު މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތް މީހެއް ނޫންކަން ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް އަންގާފައި އޮއްވައި ވެސް އެ ގޯތީގެ ވަށާފާރު ރާނަން ފަށާފައިހުރި ފޮޓޯތަކެއް އާންމުވި އެވެ.

އެ މައްސަލަ ބަލަނިކޮށް، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމާ ގުޅިގެން ވަނީ އެޗްޑީސީގެ ބޯޑު މެމްބަރުން ވެސް އޭރު ސަސްޕެންޑްކޮށްފަ އެވެ.

އެ ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ފޯޖުކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން ދޭން ނިންމި ހުރިހާ ގޯއްޗެއް ހައުސިން މިނިސްޓްރީން ވަނީ އެ ބިންތައް ލިބުނު މީހުންނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށް، އެ ގޯތިތަކުގެ ކަންމުޑި ޖަހައި، އިން ވަކިކޮށްދިނުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ގޯތީގެ ވަށާފާރު ފަދަ މަސައްކަތްތައް ކުރެވެނީ އެޗްޑީސީން ހުއްދަ ލިބުމުންނެވެ.

ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.