Roadha Mihaaru
"ބޭނުންވަނީ އެންމެން ބައިވެރިވާ ޑިޖިޓަލް އިގުތިސާދެއް"

ބޭނުންވަނީ އެންމެންގެ ބައިވެރިވުން އޮންނަ ޑިޖިޓަލް އިގުތިސާދެއް: ރައީސް

09 ސެޕްޓެމްބަރ 2024

މުސްތަގުބަލުގައި ބޭނުންފުޅުވަނީ ރާއްޖޭގެ އެންމެންގެ ވެސް ބައިވެރިވުން އޮންނަ ޑިޖިޓަލް އިގުތިސާދެއް ގާއިމްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މުސްތަގުބަލުގައި ބޭނުންފުޅުވަނީ ރާއްޖޭގެ އެންމެންގެ ވެސް ބައިވެރިވުން އޮންނަ ޑިޖިޓަލް އިގުތިސާދެއް ގާއިމްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި މި މަހު 22 އިން 23 އަށް ބާއްވާ އދ. ގެ "ސަމިޓް އޮފް ދަ ފިއުޗާ"ގެ ކުރިން، އެ އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ފޮރިން މިނިސްޓްރީ އާއި ޔޫއެން މޯލްޑިވްސް ގުޅިގެން މާލޭގައި މިއަދު ބޭއްވި ސައިޑް އިވެންޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލުގެ އަމާޒު ވަރަށް ސާފު ކަމަށެވެ.

"ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގެ ނަމުގައި ބޭއްވި އެ އިވެންޓުގައި ރައީސް މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ އިސް ބައެއް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

"އެއީ ހުރިހާ ރައްޔިތުންނާއި ހުރިހާ ވިޔަފާރިތަކާއި އެހެން ހުރިހާ އިދާރާތަކެއް ޑިޖިޓަލީ ބާރުވެރިކުރެވިފައި އޮތް ރާއްޖެއެއް. އަޅުގަނޑުމެން މި ގާއިމްކުރަނީ އެންމެން ބައިވެރިވާ، އީޖާދީ ވިސްނުންތައް ހިމެނޭ، އެންމެނަށް ވެސް އަތްފޯރާ އަދި ދެމެހެއްޓެނިވި ޑިޖިޓަލް އިގުތިސާދެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު މި ވަގުތަކީ ޑިޖިޓަލައިޒޭޝަންގެ ދުނިޔޭގައި މި އަންނަ ބަދަލުތައް ބަލައިގަނެ، އޭގެ އެހީގައި ކުރިއަރައިގެން ދިއުމަށް މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ. ޑިޖިޓަލައިޒޭޝަނަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި އެއީ އުޖާލާ އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށް ރާއްޖެ ހުޅުވައިދިނުމަށް ލިބޭ "ތަޅުދަނޑި" ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ވަރަށް ފައިސާ ނެތުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން "މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް" އުފެއްދީ އެކަމަށް ހައްލެއް ހޯދުމަށެވެ. ޑިޖިޓަލް އިގުތިސާދަކަށް ފަހިވާ ގޮތަށް ހިންގާ އިގުތިސާދީ އަދި އިޖުތިމާއީ ޕްރޮޖެކްޓުތަކަށް އެ ބޭންކުން ފައިނޭންސް ކުރާނެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިނޮވޭޝަން ހަބުތަކާއި ޓެކްނޮލޮޖީ ޕާކުތައް ހެދުމަށްޓަކައި ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭނެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެ އިވެންޓުގައި ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ސައިބާ ސެކިއުރިޓީ އާއި ޑާޓާ ޕްރައިވެސީ އާއި ދޮގު މައުލޫމާތު ފެތުރުމާ ގުޅުންހުރި މައްސަލަތައް މަދުކުރުމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. ޑިޖިޓަލައިޒޭޝަންގެ ރައްކާތެރިކަމަށް ހުރަސްއަޅާ މި ކަހަލަ މައްސަލަ މަދުކުރުމަށްޓަކައި ރާއްޖެއިން، ބޭރުގެ ގައުމުތަކާ އެކު މަސައްކަތްކުރާނެ ކަމުގެ ޔަގީން ވެސް ރައީސް ދެއްވި އެވެ.

"ސަމިޓް އޮފް ދަ ފިއުޗާ" އަކީ މީހުންގެ ދިރިއުޅުމަށާއި މުސްތަގުބަލަށާއި އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު އެކި ކަންތައްތަކާ ގުޅޭ ގޮތުން ދުނިޔޭގެ ލީޑަރުން އެއްތަންވެ، އަޑުއުފުލުމަށް މި މަހު ބާއްވާ އދ. ގެ ހައި ލެވަލް އިވެންޓެކެވެ.