Roadha Mihaaru
އުފެއްދުންތެރިކަން އިތުރުނުކުރެވޭނެ ގޮތެއް ނެތް: ރައީސް

އެންމެ ބޮޑު ހުރަހަކީ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތް ފަހިވެފައި ނެތުން: ރައީސް

28 މެއި 2024

ރާއްޖެ އާއި ސިޑްސްގެ އެހެން ގައުމުތަކަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އުފެއްދުންތެރިކަން އިތުރުކުރެވޭނެ މަގު ފަހިވެފައި ނެތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އެންޓީގާ އިން އިފްރާޒް އަލީ

ރާއްޖެ އާއި ސިޑްސްގެ އެހެން ގައުމުތަކަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އުފެއްދުންތެރިކަން އިތުރުކުރެވޭނެ މަގު ފަހިވެފައި ނެތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެންޓީގާގައި މިހާރު ކުރިއަށް ގެންދާ ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިންޓަރެކްޓިވް ޑައިލޮގް ބައްދަލުވުން "ރީވިޓަލައިިޒިން ސިޑްސް އިކޮނޮމީސް ފޯ އެކްސެލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގްރޯތު"ގައި ރައީސް ވިދާޅުވީ މި ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ގާއިމްކުރެވިފައި ނުވަނީ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށްވުމުން ކަމަށެވެ.

"ގާތްގަނޑަކަށް ސިޑްސްގެ ހުރިހާ ގައުމެއްގައި ވެސް އާންމު އެއް ކަމަކީ ދައުލަތުގެ ކެޕޭސިޓީ ހިމެނޭ ގޮތަށް އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފައިވުން. އަޅުގަނޑުމެންގެ ފުރިހަމަ ގާބިލު ކަމަށް ދިއުމަށް އޮތް ހުރަހަކީ ވެސް އެއީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ގައުމުތަކަށް އިތުރު ފުރުސަތުތައް ފަސޭހައިން ފަހިވާން ޖެހެ އެވެ. އާ އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔޭގެ އިގުތިސާދަށް އަންނަ ބޮޑެތި ލޮޅުންތަކުން އަރައިގަނެވޭނެ ފަސޭހަ މަގެއް ވެސް ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންސާނީ ރައުސުލްމާލު އިތުރުކުރުމުގެ ވާހަކަ ދެއްކެވޭއިރު، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މި ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ރަނގަޅަށް ދަނެގަނެ، އެ ކަންކަމަށް ހައްލު ލިބޭނެ މަގަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޑްސްގެ ގައުމުތަކުގައި ޕާޓްނާޝިޕާއި އެޑްވޮކަސީ އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ރޮނގުން ކެޕޭސިޓީ ވަރުގަދަކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިންޓަރެކްޓިވް ޑައިލޮގް ބައްދަލުވުން "ރީވިޓަލައިިޒިން ސިޑްސް އިކޮނޮމީސް ފޯ އެކްސެލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގްރޯތު"ގައި ރައީސް މުއިއްޒު މިއަދު ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިންޓަރެކްޓިވް ޑައިލޮގް ބައްދަލުވުން "ރީވިޓަލައިިޒިން ސިޑްސް އިކޮނޮމީސް ފޯ އެކްސެލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގްރޯތު"ގައި ރައީސް މުއިއްޒު މިއަދު ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: ރައީސް އޮފީސް

އުފެއްދުންތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ޓޫރިޒަމްގެ މަޝްހޫރު ބްރޭންޑަކަށް މިއަދު ރާއްޖެ ވެފައި ވަނީ ވެސް އެ ދާއިރާގައި ވަރަށް ގާބިލު، ތަމްރީނު ލިބިފައިވާ ފަންނުވެރި ދިވެހިން ތިބުމުން ކަމަށެވެ.

ޓޫރިޒަމް ނޫން އެހެން ދާއިރާތަކުން ވެސް ރާއްޖެ އަށް ކުރިއެރުން ލިބޭނީ އެ އަމާޒަށް މަސައްކަތް ކުރެވިގެން ކަމަށް ރައީސް އިޝާރާތް ކުރެއްވި އެވެ.

ގުދުރަތީ ކާރިސާގެ ވަގުތުތަކުގައި ދުރާލައި އިންޒާރު ލިބޭނެ ނިޒާމުތައް ރާއްޖޭގައި ގާއިމްކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގައި ވެސް ކުރިއެރުން ލިބެމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، ރައީސް ވިދާޅުވީ، އެ ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑު ހަރަދެއް ހިނގާނެތީ ފައިސާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މި ކަހަލަ ކަންކަމަށް ފަސޭހައިން ފައިސާ ލިބޭނެ މަގު ފަހިވެފައި ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިއްޖެ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި، ކޮޕް ސަމިޓާއި ޕެރިސް އެގްރީމަންޓާއި 2030 ވަނަ އަހަރުގެ ކްލައިމެޓް އެޖެންޑާގައި ވެސް މި އެހީތެރިކަން ލިބޭނެ ކަމުގެ ބޮޑެތި ވައުދުތައް ވި ތަން. އެކަމަކު އޭގެ ކުޑަ މިންވަރެއްގެ އެހީ ނޫނީ ނުލިބޭ،" ރައީސް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވި އެވެ.

ސިޑްސްގެ މި ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ މި އެހީތެރިކަން އޭގެ ފުރިހަމަ މާނާގައި ލިބިގެން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.