02 މާޗް 2017
ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގައި އަބްދުލް ވާހިދުއަކީ އާ މޫނެއް ނޫނެވެ. އޭނާގެ ހިދުމަތުގެ ލިސްޓް އެހާ ވެސް ދިގެވެ. އެލައިޑް އިންޝުއަރެންސްއާ 1993 ގައި ގުޅިވަޑައިގެން އެތަނުގެ އެންމެ އާދައިގެ އޮފިސަރެއްގެ ލެވެލް އިން ފެއްޓެވި، ވާހިދު އެންމެ ފަހުން އެތަނުން ނިކުމެވަޑައިގަތީ ހަ އަހަރު ވަންދެން އެތަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގައި އަބްދުލް ވާހިދުއަކީ އާ މޫނެއް ނޫނެވެ. އޭނާގެ ހިދުމަތުގެ ލިސްޓް އެހާ ވެސް ދިގެވެ. އެލައިޑް އިންޝުއަރެންސްއާ 1993 ގައި ގުޅިވަޑައިގެން އެތަނުގެ އެންމެ އާދައިގެ އޮފިސަރެއްގެ ލެވެލް އިން ފެއްޓެވި، ވާހިދު އެންމެ ފަހުން އެތަނުން ނިކުމެވަޑައިގަތީ ހަ އަހަރު ވަންދެން އެތަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑު އެލައިޑާ ގުޅުނުއިރު ޕްރޮފެޝަނަލްކޮށް އިންޝުއަރެންސްގެ މަސައްކަތްކުރާ މީހުން ވަރަށް މަދު. ދެން އަޅުގަނޑަށް ނަސީބު ލިބުނު ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮފެޝަނަލް އިންޝުއަރެންސް ކޮލިފިކޭޝަނެއް ހާސިލުކުރަން. އެހެންވުމާއެކު އަޅުގަނޑު މަސައްކަތްކުރީ މި ދާއިރާ އިން އެންމެ މައްޗަށް ދެވޭތޯ،" ކެރިއަރު ފެއްޓެވި ގޮތާ ބެހޭ ގޮތުން ވާހިދު ވިދާޅުވި އެވެ.
އެލައިޑް ދޫކޮށްލެއްވި ނަމަވެސް އިންޝުއަރެންސް އިންޑަސްޓްރީއާ ދުރަށް ވަޑައިގަތުމަކަށް އޭނާ ނުނިންމަވަ އެވެ. އެލައިޑްއަށްފަހު ވާހިދު ދެން މިސްރާބު ޖެއްސެވީ އަމިއްލަ ވިޔަފާރިއާ ދިމާލަށެވެ.
ވާހިދުގެ ހިއްސާ އޮންނަ ވިޔަފާރިތަކުގެ ތެރެއިން އެންސިސް ގްރޫޕަކީ މިވަގުތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ އެއް ކުންފުންޏެކެވެ. އަދި އެ ކުންފުނިން މިހާރު ވަނީ ރިއަލްއެސްޓޭޓްގެ ވިޔަފާރިއަށް ވެސް ވަދެފަ އެވެ.
ޒުވާން ދުވަސްވަރުން ފެށިގެން ވެސް އަމިއްލަ ވިޔަފާރިއެއް ފެއްޓެވުމަށް ވަރަށް ބޮޑު ޝައުގެއް ބެހެއްޓެވި ވާހިދު އުމުރުން 22 އަހަރުގައި އަމިއްލަ ވިޔަފާރިއެއް ފެއްޓެވި އެވެ. އަބަދުވެސް އޭނާއަކީ ޗެލެންޖިން ކަންތައް ކުރައްވަން ބޭނުންވާ ބޭފުޅަކަށް ވުމުން އޭނާ ފެއްޓެވި ކޮންމެ ވިޔަފާރިއެއް ވެސް އޭގެ ކުރިބޯއްޓާ ހަމަޔަށް ވަނީ ދަތުރުކޮށްފަ އެވެ.
ދިވެހި އިންޝުއަރެންސް ކުންފުނި ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވާހިދު ވާހަކަ ދައްކަވަނީ.
"އެލައިޑް އިންޝުއަރެންސްގައި ހަ އަހަރު ދުވަހު މެނޭޖިން ޑިރެކްޓަރުކަން ކުރުމަށް ފަހު އަޅުގަނޑު ދެން ނިންމީ ކުންފުނި ވެސް ރަނގަޅު ހިސާބަކަށް ގެންދެވިފައި އޮތުމާ ގުޅިގެން ވިސްނުނީ ކުންފުނި ދެން އެހެން މީހަކާ ހަވާލުކުރަންވީ ކަމަށް. އަޅުގަނޑު ވިސްނާ ގޮތުގައި ޕްރޮގްރެސިވް ވާންޖެހޭނެ ކޮންމެ ކަމެއް ވެސް،" ވާހިދު ވިދާޅުވި އެވެ.
އެހާ ހިސާބުން އޭނާގެ ކެރިއަރު ނިންމަވާލެއްވީ އެއް ނޫނެވެ. އެލައިޑަށްފަހު ވެސް އޭނާ އެންމެ ގިނަ ދުވަހު އުޅުއްވި އިންޑަސްޓްރީ ދޫކޮށްލެއްވުމުގެ ހިޔާލެއް ނުގެންގުޅުއްވަ އެވެ. މިހާރު ވާހިދުއަކީ އޭނާގެ ހިއްސާ އޮންނަ އަމިއްލަ އިންޝުއަރެންސް ކުންފުންޏެއްގެ އެއް ހިއްސާދާރެވެ. "ދިވެހި އިންޝުއަރެންސް ކޮމްޕެނީ"އަކީ ވާހިދުގެ ސީދާ ބެއްލެވުމުގެ ދަށުން ހިނގާ އިންޝުއަރެންސް ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެސް އޭނާ އެވެ.
ދިވެހި އިންޝުއަރެންސް ކުންފުނި އުފެއްދެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެ ދާއިރާއިން ދިވެހިން ތަމްރީނުކޮށް، ޕްރޮފެޝަނަލް އިންޝުއަރެންސް ހިދުމަތް ދޭ ބަޔަކު އުފެއްދެވުމަށެވެ.
"މި ވިޔަފާރީގައި ހުނަވެރި މީހުން ތިބެގެން ރަނގަޅު ސްޓްރެޓެޖީއަކާއެކީ މަސައްކަތްކޮށްގެން ކާމިޔާބުކުރެވޭނީ. ދިވެހި މި ދާއިރާގައި ނުއުފެއްދޭ. ނަމަވެސް އަޅުގަނޑުމެން މިހާރު ވެސް މިދަނީ އެ މަސައްކަތް ކުރަމުން،" ވާހިދު ވިދާޅުވި އެވެ.
ދިވެހި އިންޝުއަރެންސް މުވައްޒަފުންތަކަކާ ވާހިދު ބައްދަލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ރާއްޖޭގައި އިންޝުއަރެންސް ދާއިރާއަކީ މިހާރު ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައި ހިނގާ ވިޔަފާރިއެކެވެ. އެކަން ވާހިދަށް ވަރަށް އެނގިވަޑައިގަންނަވަ އެވެ. އެހެންވެ ވާހިދު މިހާރު މަސައްކަތްކުރައްވަނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ކުންފުންޏާއެކު ކުރިޔަށް ވަޑައިގަތުމަށެވެ.
"މިހާރު ފަސް ކުންފުނި މާކެޓްގައި އެބަ އޮޕަރޭޓްކުރޭ. އެކަމަކު މިއަދުގެ ހަގީގަތަކީ ފައިނޭންޝަލް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަސް ކުންފުނީގެ ތެރެއިން ތިން ކުންފުންޏަކީ ދިވެހި ތިން ކުންފުނިކަން. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ރަނގަޅު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
ވާހިދު ވިދާޅުވީ ބޭރުގެ ކުންފުނިތަކަކީ އަބަދު މިތާގައި ފައި ހަރުލައިގެން ތިބޭނެ ބައެއް ކަމަށް ދެކިގެންނުވާނެ ކަމަށެވެ. ހަމަ ކޮންމެ އިރަކުން ރާއްޖެ ދޫކޮށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މީގެ ކުރިން އެހެންވެފަ ވެސް އެބަހުރި. ހާއްސަކޮށް 2004 ސުނާމީގައި އެކި އިންޝުއަރެންސް ކްލައިމްތަކާ އެއްޗެތި ބޮޑުވެގެން އޭރު ރާއްޖޭގައި މަސައްކަތްކުރި އެއް ކުންފުނި ދޫކޮށްފައި ދިޔަ. އެކަމަކު ދިވެހި ކުންފުންޏެއް ވެއްޖިއްޔާ ދާނެ ވަކި ތަނެއް ނޯންނާނެ. މި ފަސްގަނޑުގައި ތިބޭނީ،" ވާހިދު ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ދިގު މުއްދަތަށް ވިސްނައިގެން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެގޮތުން ބަލާއިރު ވާދަވެރި މާކެޓެއް އޮވެފައި، ގިނަ ކުންފުނިތަކެއް ހަރަކާތްތެރިވުމަކީ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއަރާ ކަމުގެ ހެއްކެއް ކަމަށް ވާހިދު ގަބޫލުކުރައްވަ އެވެ.
"ދިވެހި މެނޭޖްމަންޓެއް އޮވެފައި އެއާއެކު ދިވެހި މީހުން އިންޑަސްޓްރީއަށް ވަންނަ މިންވަރު ވެސް އިތުރުވާނެ. މިހާރު ވެސް މިދަނީ އެ މަންޒަރު ފެންނަމުން،" އޭނާ ވިދާޅުވި އެވެ.
ދިވެހި އިންޝުއަރެންސް އޮފީހުގައި ކަސްޓަމަރުންނަށް ހިދުމަތް ދެނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ވާހިދުގެ ހިއްސާ އޮންނަ އަމިއްލަ އިންޝުއަރެންސް ކުންފުންޏެއް އުފެއްދެވި މައިގަނޑު ބޭނުމަކީ ވެސް އެއީ އެވެ.
"އަޅުގަނޑު ބޭނުންވި މާކެޓަށް އިތުރު ބްރޭންޑެއް ގެންނަން. އެއީ ކުރިން މަސައްކަތް ކުރި އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ އެންމެ ލީޑިން ކުންފުނި. ވަރަށް ރަނގަޅު ބްރޭންޑެއް އެއީ. އަނެއްކާ ދިވެހިން ރަމްޒުކޮށްދޭ ބްރޭންޑެއް،" އޭނާ ވިދާޅުވި އެވެ.
އަމިއްލަ އިންޝުއަރެންސް ކުންފުނި އުފެއްދެވުމަށްފަހު ވާހިދު ވެސް ބޭނުންވީ އެލައިޑް ފަދަ މޮޑެލް އަކަށް ދިވެހި އިންޝުއަރެންސް ކުންފުނި ހެދުމެވެ. އެ މަސައްކަތް އޭނާ މިހާރު ވަނީ ފައްޓަވައިފަ އެވެ. އެގޮތުން އޭނާ އިސްކޮށް ހުންނަވައިގެން އެ ކުންފުންޏަކީ ރަނގަޅު ބްރޭންޑަކަށް ހެދުމުގެ އިތުރުން ޕްރޮފެޝަނަލް ޓީމެއް އުފެއްދެވުމުގެ މަސައްކަތް ވެސް އަންނަނީ ކުރައްވަމުންނެވެ.
ދިވެހި އިންޝުއަރެންސް ކުންފުނި އުފެދުނުތާ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ކުންފުނިން ވަނީ މުހިންމު އެތައް ޕްރޮޑަކްޓެއް ބާޒާރަށް ނެރެފަ އެވެ. މެރިން ހަލް އެންޑް މެޝިނަރީ އިންޝުއަރެންސާއި މެރިން ކާގޯ އިންޝުއަރެންސް، ކޮންޓްރެކްޓާސް އޯލް ރިސްކް އިންޝުއަރެންސް، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް، ފަޔާ އިންޝުއަރެންސް، ގްރޫޕް ޕާސަނަލް އެކްސިޑެންޓް އިންޝުއަރެންސް ފަދަ މުހިންމު އެތައް ޕްރޮޑަކްޓެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.
ދިވެހި އިންޝުއަރެންސް ކުންފުނީގެ އޮފީސް. ފޮޓޯ: ނިޝާން އަލީ /މިހާރު
އޭނާ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކުންފުނީގެ ފައުންޑޭޝަން ވަރުގަދަކޮށް ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތްތައް ބައްޓަންކޮށްގެން ދިނުން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވަރަށް ދުރަށް ވިސްނައިގެން. މިއީ ވަރަށް ގިނަ ބަޔަކާ ގުޅިފައިވާ ހިދުމަތެއް. އެހެންވެ އަޅުގަނޑުމެން މަގުސަދަކީ ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން. އެގޮތުން ކަސްޓަމަރުން އަޅުގަނޑުމެންގެ މަސައްކަތް ބަލައިގަނޭ،" ވާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނި ފަށައިގަތުމަށް ފަހު މިހާރު މާކެޓްގައި ހުރި ޕްރޮޑަކްޓްތަކާ ތަފާތުކޮށްގެން ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކުންފުނިތަކަށް އަމާޒުކޮށްގެން މިމަހުގެ ހަވަނަ ދުވަހު ކޯޕަރޭޓް ލައިބިލިޓީސް ސެމިނާއެއް ބާއްވަން ނިންމާފައިވާ ކަމަށް ވާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ މިހާރު މާކެޓްގައި ނެތް ޕްރޮކްޑަކްޓްތައް ތައާރަފްކުރުން. އޭގެ އިތުރުން ފުރިހަމަ ކުރެވިދާނެ ޕްރޮޑަކްޓްތައް ބަލައި އެކަން ވެސް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
"މި ސެމިނާ ބާއްވަނީ ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ޕްރޮފެޝަނަލް މަސައްކަތްކުރާ މީހުންގެ އިހުމާލުން ކަސްޓަމަރަކަށް ގެއްލުންވެއްޖެ ނަމަ ބަދަލު ދޭނެ ޕްރޮޑަކްޓެއް ލޯންޗުކުރުމާއި އެއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް،" ވާހިދު ވިދާޅުވެއްޖެ އެވެ.
ދިވެހި އިންޝުއަރެންސްގެ މިވަގުތު މައިގަނޑު އަމާޒަކީ ވަރަށް ފޯކަސްކޮށް ވިޔަފާރިކުރުމެވެ. އޭގެ ބޭނުމަކީ ރަނގަޅު ހިދުމަތެއް ހޮވާލެވޭ ފަރާތްތަކަށް ހިދުމަތްދިނުމެވެ. ނަމަވެސް ދެވަނަ މަރުހަލާގައި ވަކި ވަކި ފަރުދުންނަށް ވެސް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ވެސް އެ ކުންފުނީގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވާހިދު ބޭނުމަކީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ހަލުވިކަމާއެކު އަޅަމުންދިއުމެވެ.
އިތުރު ކުންފުންޏަކަށް އިންޝުއަރެންސްގެ ލައިސަންސް ދީފި
ބޭންކު ނޫނަސް މާލީ އެހެން އިދާރާތަކުން ޖޫރިމަނާ ނެގޭނެ
ދިވެހި އިންޝިއުރެންސްގެ ކްރެޑިޓް ސްކީމަށް ބޮޑު ތަރުހީބެއް!
އަމީލް ދިވެހި އިންޝުއަރެންސްގެ އެމްޑީއަކަށް
ޓީ ޖެޓީ އަލިފާނުގެ ހާދިސާގެ ގެއްލުމުގެ ބަދަލު ދީފި
އަލިފާނުގެ ހާދިސާ: ތާޑް ޕާޓީ އިންޝުއަރެންސްގެ ބަހުސް!
އިންޝުއަރެންސާ ބެހޭ މައުލޫމާތު ދޭން ސެމިނާއެއް ބާއްވައިފި
ދިވެހި އިންޝުއަރެންސްގެ ސްޓޯލުން ގިނަ މައުލޫމާތުތަކެއް
އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ: މިނިސްޓަރު
ހުސް ދިވެހިންނާ އެކު ދިވެހި އިންޝުއަރެންސް ފަށައިފި