Roadha Mihaaru
ބޭންކު ނޫނަސް މާލީ އެހެން އިދާރާތަކުން ޖޫރިމަނާ ނެގޭނެ

ބޭންކުތައް ނޫނަސް މާލީ އެހެން އިދާރާތަކަށް ވެސް ޖޫރިމަނާ ފައިސާ ނެގިދާނެ ކަމަށް ހުކުމް ކޮށްފި

14 ޖޫން 2023

ބޭންކްތަކުގެ އިތުރުން އެހެން މާލީ އިދާރާތަކަށް ވެސް ޖޫރިމަނާ ފައިސާ ނެގިދާނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކްތަކުގެ އިތުރުން އެހެން މާލީ އިދާރާތަކަށް ވެސް ޖޫރިމަނާ ފައިސާ ނެގިދާނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.

މިއީ ބޭންކުތައް ފިޔަވައި މާލީ އެހެން އިދާރާތަކުން ވެސް މިގޮތަށް ޖޫރިމަނާ ނެގޭނެ ކަމަށް ކަނޑައަޅައި ރާއްޖޭގައި ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.

މިއީ އެސްބްރޯ މޯލްޑިވްސްއަށް ދިވެހި އިންޝުއަރެންސް އިން ދޫކުރި "ސިންގަލް ކްރެޑިޓް ބޮންޑު އިންޝުރައެންސް" ނެގުމަށް ފަހު ކަނޑައަޅާފައިވާ ގޮތަށް ފައިސާ ނުދެއްކުމުން ކުރި ދައުވާއެއްގައި ކުރި ހުކުމެކެވެ. އެ މައްސަލައިގައި ދިވެހި އިންޝުއަރެންސް އިން ވަނީ 130،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދެއްކުމަށާއި ޖޫރިމަނާގެ ގޮތުގައި 180،000ރ. ހޯދުމަށް ދައުވާކޮށްފައި އެވެ.

ދައުވާ ލިބޭ އެސްބްރޯ އިން ވަނީ ދިވެހި އިންޝުއަރެންސަކީ ބޭންކެއް ނޫން ކަމަށާއި، އެހެންވެ، ފައިސާ ނުދައްކާ މުއްދަތުގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

މީގެ ކުރިން ކޯޓުތަކުން ޖޫރިމަނާގެ ގޮތުގައި ފައިސާ ހޯދައިދީފައިވަނީ ބޭންކް ލޯނުތަކާއި ބޭންކުން ހޯދާ ހިދުމަތްތަކުގައި އޮންނަ އުސޫލުގެ ތެރެއިން ފައިސާ ނުދައްކާ މައްސަލަތަކުގަ އެވެ.

ދިވެހި އިންޝުއަރެންސުން ބުނީ އާންމު ގިނަ ވިޔަފާރި ކުންފުނިތަކާ ހިލާފަށް އެ ކުންފުނި ހިންގަނީ އެމްއެމްއޭއިން ހުއްދަދީގެން، ހަމަޖެހިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި ކޮންވެޝަނަލް ބޭންކުތަކުން ވެސް ފޯރުކޮށްދޭ ފަދަ މާލީ ހިދުމަތްތައް ދެމުން އަންނަ އިރު އެ ބޭންކުތަކެކޭ އެއްގޮތަށް އިންޝުއަރެންސް ކުންފުނިތަކުން ކުރާ މުއާމަލާތުތަކާ ގުޅިގެން އެ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ، އެއްބަސްވުމާ އެއްގޮތަށް ނުލިބޭ ނަމަ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ބުންޏެވެ.

މިފަދަ ކަންކަންކަމުގައި ކްރެޑިޓް ރިސްކް، ލިކިއުޑިޓީ ރިސްކް، މާކެޓް ރިސްކް، އޮޕަރޭޝަނަލް ރިސްކް އަދި ފައިނޭންޝަލް ރިސްކް ފަދަ ރިސްކުތަކަށް އެފަދަ ކުންފުނިތައް ހުށަހެޅޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ލިބެން ޖެހޭ ފައިސާ ނުލިބި، ދިމާވާ ގެއްލުންތައް އެމްއެމްއޭގެ ރިޕޯޓުތަކުން އާންމުވެ، އެ ކުންފުންޏަށް އިންވެސްޓްކުރަން ބޭނުންވާ މީހުން ކުންފުންޏާ މެދު ދެކޭ ގޮތް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ދިވެހި އިންޝުއަރެންސުން ބުންޏެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ މީގެ ކުރިން މިފަދަ މައްސަލައެއްގައި ސުޕްރީމު ކޯޓުގެ ނިންމުމަކަށް ރިޔާއަތްކޮށް މިއީ ދިވެހި އިންޝުއަރެންސަށް ނެގޭނެ ފައިސާގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެ ހުކުމާ ގުޅިގެން އެސްބްރޯ އިން ދިވެހި އިންޝުއަރެންސަށް ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި ތިން ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.