Roadha Mihaaru
އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ: މިނިސްޓަރު

އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ، އިތުރަށް ފުޅާކުރަން ޖެހޭ: މިނިސްޓަރު

06 މާޗް 2017

ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ ކަމަށާއި، އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ ކަމަށާއި، އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި އިންޝުއަރެންސް އިން، ކުންފުނިތަކުގެ އިސް ވެރިންނަށާއި ޕްރޮފެޝަނަލް ދާއިރާތަކުގެ މީހުންނަށް ހާއްސަ ކޯޕަރޭޓް ލައިބިޓީ އިންޝުއަރެންސް ތައާރަފްކޮށް އެއާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއެރުމަށް ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތް ކަމަށެވެ. އެކަމަކު އަދިވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާ އަޅައިބަލާއިރު ރާއްޖޭގެ އިގްތިސޯދުގައި އެ އިންޑަސްޓްރީ ހިއްސާކުރާ މިންވަރު ކުޑަ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ކުންފުނިތަކަށް އަމާޒުކޮށްގެން ދިވެހި އިންޝުއަރެންސް ކުންފުނިން ބޭއްވި ސެމިނާގެ ބައެއް ބައިވެރިން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ކުންފުނިތަކަށް އަމާޒުކޮށްގެން ދިވެހި އިންޝުއަރެންސް ކުންފުނިން ބޭއްވި ސެމިނާގެ ބައެއް ބައިވެރިން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"2015 ވަނަ އަހަރު އިންޝުއަރެންސް ބޭނުންކުރާ މިންވަރު އުޅެނީ ގާތްގަނޑަކަށް އެއް ޕަސެންޓްގައި. އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ ކަހަލަ ގައުމުތައް އުޅެނީ 42 ޕަސެންޓްގައި. އެހެންވީމާ އަޅުގަނޑުމެންގެ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ވަނީ ޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ގްރޮސް ރިޓެން ޕާ ކެޕިޓާ 2007 ވަނަ އަހަރު އުޅެނީ 40 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 100 މިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށެވެ. އަދި އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ އެސެޓް އެއް ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި މާލީ ނިޒާމަށް ބަލާއިރު އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ވަރަށް ކުޑަ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު އުޅެނީ ގާތްގަނޑަކަށް ހަތަރު ޕަސެންޓްގައި. އެހެންވީމަ މި އަށް ވުރެ އެ އިންޑަސްޓްރީ ފުޅާވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ރާއްޖޭގައި އޮތީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް ކަމަށާއި އިންޝުއަރެންސް ކުންފުނިތަކުން އޭގެ ފައިދާ ރާއްޖެ އަށް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދިވެސް އިތުރު ރިސޯޓްތައް ހުޅުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި އިންޝުއަރެންސް އިންޑަސްޓްރީ ފުޅާކުރުމުގެ ފުރުސަތު އެބައޮތް. ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން އެބަ ޖެހޭ ލިބެން އޮތް ހުރިހާ ފުރުސަތެއްގެ ބޭނުން ހިފަން،" މުނައްވަރު ވިދާޅުވި އެވެ.

ދިވެހި އިންޝުއަރެންސް އިން ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ދިވެހި އިންޝުއަރެންސް އިން ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވީ އިންޝުއަރެންސް އިންޑަސްޓްރީ އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށެވެ. އަދި އެ ބަދަލުތަކާ އެއްގޮތަށް ހަރަކާތްތެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި އިންޝުއަރެންސް ކުންފުނި އުފެއްދީ މުޖުތަމައުގެ ހަމަތަކާ އެއްގޮތަށް ހިދުމަތް ދިނުމަށް. އިންޝުއަރެންސްގެ ހިދުމަތް ވާން ޖެހެނީ ދިރިއުޅުމަށާއި އިގްތިސާދަށް ވެސް ކުރިއެރުން ގެންނަ ހިދުމަތަކަށް،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ މިހާރު މާކެޓުގައި ލިބެން ހުރި އިންޝުއަރެންސްގެ ހިދުމަތްތަކާ ތަފާތު ހިދުމަތްތަކެއް ތައާރަފްކުރަން ކަމަށެވެ. އެގޮތުން މިއަދު ތައާރަފްކުރި ކޯޕަރޭޓް ލައިބިލިޓީ އިންޝުއަރެންސްއަކީ އެފަދަ ފުރަތަމަ ޕްރޮޑަކްޓް ކަން ވާހިދު ފާހަގަކުރެއްވި އެވެ.