Roadha Mihaaru
ހުސް ދިވެހިންނާ އެކު ދިވެހި އިންޝުއަރެންސް ފަށައިފި

ސަތޭކަ ޕަސެންޓް ދިވެހިންނާ އެކު ދިވެހި އިންޝުއަރެންސް ކުންފުނީގެ ހިދުމަތް ފަށައިފި

25 އޮކްޓޯބަރ 2016

ދިވެހިންގެ 100 ޕަސެންޓް ހިއްސާ އޮންނަ އަދި ހަމަ އެކަނި ދިވެހިން މަސައްކަތް ކުރާ ފުރަތަމަ ދިވެހި އިންޝުއަރެންސް ކުންފުނި، "ދިވެހި އިންޝުއަރެންސް" އިން މިއަދު ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ދިވެހިންގެ 100 ޕަސެންޓް ހިއްސާ އޮންނަ އަދި ހަމަ އެކަނި ދިވެހިން މަސައްކަތް ކުރާ ފުރަތަމަ ދިވެހި އިންޝުއަރެންސް ކުންފުނި، "ދިވެހި އިންޝުއަރެންސް" އިން މިއަދު ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

އާއްމު އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ލައިސަންސް ‎މަރުކަޒީ ބޭންކުން އެ ކުންފުންޏަށް ދިނީ މިދިޔަ ޖޫން 2 ގަ އެވެ. އެއީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ދެވަނަ އިންޝުއަރެންސް ކުންފުންޏެވެ.

ދިވެހި އިންޝުއަރެންސްގެ ހިދުމަތް ފެށުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގު ވިދާޅުވި ގޮތުގައި ދިވެހި ކުންފުނިތަކުން ވިޔަފާރީގެ އެކި ދާއިރާތަކަށް ވަންނަން ޖެހެ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ހިދުމަތްތައް މެދުކަނޑާލުން ނުވަތަ އެއްކޮށް ހުއްޓާލުން ފަދަ ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުގެ މައި އޮފީހުން ނިންމާ ނިންމުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާތީ އެވެ.

ދިވެހި އިންޝުއަރެންސްގެ މަގުސަދަކީ އެކަން ބަދަލުކުރުން ކަމަށް ވާހިދު ވިދާޅުވި އެވެ. އެ ގޮތުން، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ދިވެހިން ތިބިއިރު، އެ ކުންފުނީގެ މެނޭޖްމަންޓުގަ އާއި މުވައްޒަފުންގެ ގޮތުގައި ވެސް ތިބީ ހުސް ދިވެހިންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުރު މުއްދަތެއްގެ ފައިދާ އަށް ނުވިސްނާ، ދިގު މުއްދަތަކަށް ހިދުމަތް ދޭން ވިސްނައިގެން. އެންމެ އިސް ޒިންމާއެއް އޮތީ ދިވެހިރާއްޖެ އަށް ކަމަށް ދެކޭ ކުންފުނިތައް ހަރަކާތްތެރިވެގެން،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުންފުނި އިފްތިތާހުކޮށް ދެއްވި ރަސްމިއްޔާތުގައި ވާހިދު ވިދާޅުވި އެވެ.

ދިވެހި އިންޝުއަރެންސް ކުންފުނި ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވާހިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދިވެހި އިންޝުއަރެންސް ކުންފުނި ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވާހިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ އިސް މަގާމުތަކަކާއި މެނޭޖިން ޑިރެކްޓަރުކަން ވެސް ދިގު މުއްދަތަކަށް ކުރައްވާފައިވާ ވާހިދު ވިދާޅުވި ގޮތުގައި އިންޝުއަރެންސްގެ ދާއިރާ ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ވާދަވެރިވެފަ އެވެ. ދިވެހި އިންޝުއަރެންސާ އެކު ޖުމްލަ ފަސް ކުންފުންޏަކުން ރާއްޖޭގައި އެ ހިދުމަތް ދެމުން އަންނައިރު، ކާމިޔާބު ކުންފުންޏަކަށް ހެދޭނީ ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް، އެ ބަދަލުތަކަށް ހޭނިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބަޔަކީ ހުރިހާ ހިދުމަތެއް އެންމެ ކޮމްޕެޓިޓިވް ބަޔަކަށް ނުވާނެ. ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ކޯ ކޮމްޕީޓެންސީތައް ލެވަރޭޖް ކުރަން ޖެހޭނެ. ހުރިހާ ކަމެއް ކުރުމަކީ އެއްވެސް ކުންފުންޏަކަށް ހަރަދަަށް ބަލާއިރު ވެސް ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ވާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގައި އެކަނި ހިދުމަތް ދިނުމުގެ ބަދަލުގައި ބޭރުގެ މާކެޓުތަކަށް ދިވެހި ކުންފުނިތަކުން ވަންނަން ވެސް އޭނާ ގޮވާލެއްވި އެވެ. އޭގެ ސަބަބުން ބޭރުގެ ތަޖުރިބާ ލިބި ރާއްޖޭގައި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ވުުމުގެ އިތުރަށް، ދިވެހި ވިޔަފާރިތައް ވެސް ކުރިއަރާނެކަން ވާހިދު ފާހަގަކުރެއްވި އެވެ.

"ހަގީގީ އިގްތިސާދީ ފުދުންތެރިކަމެއް ލިބޭނީ ވެސް އޭރުން ކަމަށް އަޅުގަނޑު ގަބޫލުކުރަން. ދިވެހި އިންޝުއަރެންސްގެ ހިއްސާދާރުން ތިބީ މިފަދަ އަޒުމެއްގައި،" އޭނާ ވިދާޅުވި އެވެ.

ދިވެހި އިންޝުއަރެންސް ކުންފުނި ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދިވެހި އިންޝުއަރެންސް ކުންފުނި ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެންސިސް ފިޝަރީޒް އާއި އިންޝުއަރެންސްގެ ދާއިރާގެ ތަޖުރިބާކާރުންތަކެއް ހިއްސާވާ ގޮތަށް އުފެއްދި ދިވެހި އިންޝުއަރެންސާ، ދުނިޔޭގެ ބާޒާރުގައި "އޭ" ރޭޓިން ލިބިފައިވާ ރީ އިންޝުއަރެންސް ކުންފުނިތަކެއް ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ސްކޯ އާއި ޖަރުމަނުގެ ހެނޯވާ އަދި އެމެރިކާގެ އޮޑިއްސާ އާއި ސްވިޓްޒަލެންޑުގެ އެކޯ އަދި އިންޑިއާގެ ޖީއައިސީ ހިމެނެ އެވެ.

ފުރަތަމަ ފަށައިގަންނައިރު، ދިވެހި އިންޝުއަރެންސުން އަމާޒު ކުރަނީ ވިޔަފާރިތަކަށް ހިދުމަތް ދިނުމަށެވެ. އެ ގޮތުން، ރިސޯޓުތަކާއި އެއްގަމާއި ކަނޑު އުނޅަދު ފަހަރާއި ޕްރޮޕަޓީ އަދި ކޮންސްޓްރަކްޝަންގެ އިތުރުން މެރިން އިންޝުއަރެންސްގެ ހިދުމަތް ހިމެނެ އެވެ. އެ ހިދުމަތްތަކަށް އެދޭ ފޯމު ގ. މާޖެހިގެ އާގޭގެ ފުރަތަމަ ބުރީގައި ހުންނަ އެ ކުންފުނީގެ އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ފުރަތަމަ ސަތޭކަ ޕަސެންޓް ދިވެހި އިންޝުއަރެންސް ކުންފުނި ކަމަށްވާ ސޮލަރެލް އިން ވަނީ މި އަަހަރުގެ ކުރީކޮޅު ހިދުމަތް ދޭން ފަށާފަ އެވެ. އެލައިޑާއި ސޮލަރެލް އާއި ދިވެހި އިންޝުއަރެންސްގެ އިތުރުން ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދޭ ސްރީ ލަންކާގެ ދެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ގޮތުން، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފައިދާ ދެ ގުނަ އިތުރުވެ، 42.2 މިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ.