Roadha Mihaaru
އެންސިސް އިން މަސްދޯނިތަކަށް ހާއްސަ އިނާމުތަކެއް!

އެންސިސް އިން މަސްދޯނިތަކަށް ހާއްސަ އިނާމުތަކެއް!

01 އެޕްރީލް 2021

އެންސިސް ފިޝަރީސް އިން "އެންސިސް މަސްވެރިންގެ ހަދިޔާ" ޕްރޮގްރާމުގެ ދަށުން މަސް ދޯނިތަކަށް ގިނަ އިނާމުތަކެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންސިސް ފިޝަރީސް އިން "އެންސިސް މަސްވެރިންގެ ހަދިޔާ" ޕްރޮގްރާމުގެ ދަށުން މަސް ދޯނިތަކަށް ގިނަ އިނާމުތަކެއް ދީފި އެވެ.

އެންސިސް އިން "މަސްވެރިންގެ ހަދިޔާ" ޕްރޮގްރާމު ފެށީ 2016 ވަނަ އަހަރު އެވެ. މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް އެންސިސް އަށް މަސް ކިރާފައިވާ ދޯންޏާއި އެންމެ ކޮލިޓީ ރަނގަޅު މަސް ކިރި ދޯންޏަށް ފައިސާގެ އިނާމު ދީފައިވެ އެވެ.

އެ ރަސްމިއްޔާތުގައި މަސްވެރިކަމުގެ ތަޖުރިބާކާރު އަދްނާން އަލީ ބައިވެރިވެ ވަޑައިގަތެވެ. މި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގް ވިދާޅުވީ، އެންސިސް އިން މިގޮތަށް އިނާމު ދެނީ ދިވެހި މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިކަން ކުރުމަށް މަސްވެރިންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެެ. މިފަދަ ޕްރޮގްރާމެއްގެ ތެރެއިން އެ ކުންފުންޏާއި އޮންނަ ގުޅުން ވަރަށް ބޮޑަށް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އިނާމުތައް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ތެރެއިން އެންމެ ގިނައިން މަސް ކިރާ މަސް ދޯންޏަށް 20،000ރ. ލިބޭނެ އެވެ. ދެވަނައަށް ހޮވޭ ދޯންޏަށް 10،000ރ. އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 7،500ރ. ލިބޭނެ އެވެ. މީގެ އިތުރުން އެންމެ ރަނގަޅު ކޮލިޓީ ކަމުގައިވާ "އޭ" ގްރޭޑް މަސް ކުރާ ކުންފުންޏަށް 10،000ރ. ލިބޭނެ އެވެ.

މިދިޔަ އަހަރު އެންސިސް ފިޝަރީޒް ފެކްޓަރީ އަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރުވާފައި ވަނީ ދ. ކުޑަހުވަދޫ އަލިރާސްތާ ދޯންޏެވެ. ދެވަނަ އަށް އެންމެ ގިނައިން ބޮޑު ކަންނެލި ކިރުވާފައި ވަނީ އއ. ރަސްދޫ ޒޫމް ފިޝާ ދޯންޏެވެ. ތިން ވަނަ އަށް އެންމެ ގިނަ މަސް ކިރުވީ ދ. ބަނޑިދޫ، ކުރިމަގު ދޯންޏެވެ. މީގެ އިތުރުން އެންމެ ކޮލިޓީ ރަނގަޅު ކިރުވާފައިވާތީ އަލިރާސްތާ ދޯންޏާއި ކުރިމަގު ދޯންޏަށް 10،000ރ. ގެ ފައިސާގެ އިނާމު ލިބިފައިވެ އެވެ.