Roadha Mihaaru
ގައުމިއްޔަތު އިނާމު ހުސައިން ސަލާހުއްދީންގެ ހަނދާނުގައި

ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އިނާމު ހުސައިން ސަލާހުއްދީންގެ ހަނދާނުގައި

03 ސެޕްޓެމްބަރ 2024

ގައުމީ އިނާމަށް މި އަހަރު އިތުރުކޮށްފައިވާ ދާއިރާއެއް ކަމަށްވާ ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލައްތުޝައިހް ހުސެއިން ސަލާހުއްދީނުގެ ހަނދާނަށް ހާއްސަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމީ އިނާމަށް މި އަހަރު އިތުރުކޮށްފައިވާ ދާއިރާއެއް ކަމަށްވާ ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލައްތުޝައިހް ހުސެއިން ސަލާހުއްދީނުގެ ހަނދާނަށް ހާއްސަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ޝަރަފު އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ ދިވެހީންގެ ދީނާއި ދިވެހިބަހާއި ތަރިކަ އާއި ސަގާފަތުގެ ރޮނގުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވުމަށް ކަމަށެވެ. އަދި އިލްމުގެ ނޫރު ފެތުރުއްވުމަށް ހުސައިން ސަލާހުއްދީން ކުރައްވާފައިވާ ގައުމީ ހިދުމަތަށްޓަކާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދިވެހި އިލްމުވެރިންގެ އަރިހުން ސަލާހުއްދީން ހޯއްދެވި އިލްމު މި ގައުމުގައި ފެތުރުމަށް ކުރައްވާފައިވަނީ އަގުހުރި މަސައްކަތެކެވެ.

ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނަ އެވެ.

‎މި އިނާމު ދެނީ ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށެވެ.

ހުސެއިން ސަލާހުއްދީން (މ) ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެންގެވި ފޮޓޯއެއްގައި އިބްރާހިމް ޝިހާބު (ތުއްޕުޅުބޭފުޅާ) އާއި އެހެން ވެސް ބައެއް ދިވެހިންނާ އެކު.

ހުސެއިން ސަލާހުއްދީން (މ) ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެންގެވި ފޮޓޯއެއްގައި އިބްރާހިމް ޝިހާބު (ތުއްޕުޅުބޭފުޅާ) އާއި އެހެން ވެސް ބައެއް ދިވެހިންނާ އެކު.

‎ރައީސް އޮފީހުން ބުނީ ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ހުސައިން ސަލާހުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ. އެ ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 9:00 ގައި ދަރުބާރުގޭގައި ކަމަށް އެ އޮފީހުން ބުންޏެވެ.

‎އެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން ވެސް އޮންނާނެ އެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ. އެއީ ވެސް މި އަހަރު ގައުމީ އިނާމަށް އަލަށް ތައާރަފުކުރި ދާއިރާއެކެވެ. އެ ބޭފުޅަކީ، އެ ބޭފުޅެއްގެ އަޑުފުޅުން ޒަމާންތަކަށް ދެމިހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދެއްވާފައިވާ އަދި ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ ހެންވޭރު ހާޖަރާގޭ މުހައްމަދު ތައުފީގެވެ.

"އަލްމަރްހޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސިޔަރަތު އަޅުގަނޑުމެންނަށް ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި ސިޔަރަތު އަޑުއެހުމަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރެއްވުމަށް މުހައްމަދު ތައުފީގު ކުރެއްވި ގައުމީ ހިދުމަތަށްޓަކައި ވެސް މެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

‎ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް ލިބޭނެ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.