Roadha Mihaaru
ޔޫކޭއިން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލަނީ

ޔޫކޭއިން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން މެދުކަނޑާލަނީ

02 ސެޕްޓެމްބަރ 2024

އިނގިރޭސި ވިލާތުން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އެއީ އެ ހަތިޔާރު ބޭނުންކޮށްގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އަމަލުތައް ހިންގަފާނެ ކަމުގެ ވަރަށް ބޮޑަށް ބެލެވޭ ސަބަބުތައް ހުރުމުން ކަމަށް އެ ގައުމުން ބުނެފި އެވެ.

އިނގިރޭސި ވިލާތުން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އެއީ އެ ހަތިޔާރު ބޭނުންކޮށްގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އަމަލުތައް ހިންގަފާނެ ކަމުގެ ވަރަށް ބޮޑަށް ބެލެވޭ ސަބަބުތައް ހުރުމުން ކަމަށް އެ ގައުމުން ބުނެފި އެވެ.

އިނގިރޭސި ވިލާތުން މިކަން އިއުލާނުކުރީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި އަމަލުކުރާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ހަތިޔާރު ވިއްކުމުގެ އެއްބަސްވުން މުރާޖައާކުރުމަށް ފަހުގަ އެވެ.

ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވީ އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ 350 ލައިސަންސްގެ ތެރެއިން 30 ލައިސަންސް އިނގިރޭސިވިލާތުން ސަސްޕެންޑް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ހަތިޔާރު ވިއްކުން ހުއްޓާލާއިރު އެ ހުއްޓާލާ ހަތިޔާރުތަކުގެ ތެރޭގައި "ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބޭނުން ކުރެވޭނެ" ތަކެތި ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމަމަތީ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު އަދި ޑްރޯން ހިމެނެ އެވެ.

މީގެ ތެރޭގައި އެފް-35 ގެ ޖެޓްގެ ބައިތަކެއް ނުހިމެނެ އެވެ.

މިދިޔަ ޖުލައި މަހު ބޭއްވި އާންމު އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައި ލޭބާ ޕާޓީ ވެރިކަމަށް އައިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފޮރިން މިނިސްޓަރު ވަނީ ހަތިޔާރު ވިއްކާ މިންވަރު ބެލުމުގެ ރިވިއުއެއް ހެދުމަށް އަންގަވައިފަ އެވެ.

"އަޅުގަނޑު ހިތާމަޔާ އެކު މިއަދު ހައުސް (އޮފް ކޮމަންސް) އަށް ދަންނަވަން ޖެހެނީ، އަޅުގަނޑަށް ލިބިފައިވާ އެސެސްމަންޓަށް ބެލުމުން، އިނގިރޭސިވިލާތުން އިޒްރޭލަށް އެކްސްޕޯޓްކުރާ ބައެއް ހަތިޔާރަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގުމަށް ބޭނުންކުރުން ވަރަށް އެކަށީގެންވާ ތަކެތީގެ ގޮތުގައި ނޫނީ ބެލެން ނެތްކަން،" ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން ލަމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަތިޔާރު ވިއްކުން މެދުކަނޑާލުމުގެ މާނަ އަކީ ވަކި ބަޔަކު ގޯސްކޮށް ކަމެއް ކުރުން ނުވަތަ ރަނގަޅަށް ކަމެއް ކުރުން ސާބިތުކޮށްދޭ ކަމެއް ނޫން ކަމަށާއި މިއީ ކުރިއަށް އޮތް ތަނުގައި ވެސް މުރާޖައައާ ކުރާނެ ކަންތައްތައް ކަމަށެވެ.

"އިޒްރޭލުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފުވިތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ނުނިންމަން. އަދި އެއީ އަޅުގަނޑުމެންނަށް ނިންމޭނެ ކަމެއް ވެސް ނޫން،" ލެމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އިނގިރޭސިވިލާތަކީ ބައިނަލްއަގުވާމީ ކޯޓެއް ނޫން" ކަމަށެވެ.

އިޒްރޭލަށް އިނގިރޭސިވިލާތުން ތާއީދުކުރާކަން ތަކުރާރުކުރައްވައި ލެމީ ވިދާޅުވީ، ޔޫކޭގެ މި ނިންމުމުގެ ސަބަބުން އިޒްރޭލުގެ ސަލާމަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

މި ނިންމުމާ އިޒްރޭލުން ވަނީ "ވަރަށް ހިތްދަތިވެއްޖެ" ކަމަށް ބުނެ މި ނިންމުމާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. -- އޭއެފްޕީ